ވޯކް ވިސާގެ ޚިދުމަތަށް ހެޔޮ ބަދަލެއް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަން އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ”އޭންޓް ކިއު“ މެދުވެރިކޮށް ވިސާގެ ޚިދުމަތް ހޯދުމަށް ޓޯކެން ނެގޭނެގޮތް ތައާރަފްކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ، ވޯކް ވީޒާގެ ޚިދުމަތް ހޯދުމަށް އެއިދާރާއަށް ދާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ”އޭންޓް ކިޔޫ“ އެޕްލިކޭޝަން މެދުވެރިކޮށް ޓޯކެން ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށާއި، ވޯކް ވީޒާ ހައްދަން ބޭނުންވާ ފަރާތްތަކަށް އާދީއްތަ ދުވަހުން ފެށިގެން އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރަން ފަށާނެކަމަށެވެ.
އިމިގްރޭޝަންއިން މިއަދު ވަނީ ”އޭންޓް ކިޔޫ“ ބޭނުންކޮށްގެން ނަންބަރު ދޫކުރާނެ ގަޑިތަކާއި، އެނަންބަރުތަކަށް ޚިދުމަތްދޭނެ ގަޑިތައްވެސް އިއުލާނުކޮށްފަ އެވެ. އެގޮތުން، ފަހެއް ނުވަތަ އެއަށްވުރެ މަދު ޕާސްޕޯޓް ހޯދަން ނަންބަރު ދޫކުރަން ނިންމާފައިވަނީ ހެދުނު 9:00 އިން 10:30 އަށް، އަދި ނަންބަރަށް ޚިދުމަތް ދޭނީ ހެދުނު 10:00 އިން މެންދުރު 15:00 އަށެވެ. އަދި، 6 ނުވަތަ އެއަށްވުރެ ގިނަ ޕާސްޕޯޓް ހޯދަން ނަންބަރު ދޫކުރަން ނިންމާފައިވަނީ، ހެދުނު 11:30 އިން 12:30 އަށް، އަދި ނަންބަރަށް ޚިދުމަތް ދޭނީ މެންދުރު 13:15 އިން މެންދުރު 15:00 އަށް ކަމަށް އިމިގްރޭޝަނުގެ އިއުލާނުގައި ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ބުނީ،މީގެ ކުރިން ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރަމުން ދިއައީ އިމިގްރޭޝަނަށް ހާޒިރުވުމުން ކަމުގައި ވީނަމަވެސް، ދެން ”އޭންޓް ކިޔޫ“ އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެ ވެސް އޮންަލައިންކޮށް ނަންބަރު ނެގޭނެ، އަދި ކިއުގެ ޚިދުމަތް ދެމުންދާ ތަރުތީބު ބަލާލެވޭނެކަމަށެވެ.
ވޯކް ވީޒާގެ ޚިދުމަތަކީ، ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި ވަކި ވަކި ފަރުދުން އެކިއެކި ކޯޓާތަކުގައި ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީންގެ ވީޒާ ޖެހުމާއި، ވީޒާ އާކުރުމާއި އަދި ވީޒާއާއި ގުޅުންހުރި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިމިގްރޭޝަނުން ދެމުން އަންނަ ޚިދުމަތެކެވެ.



