ސަރުކާރުގެ ފުރަތަމަ ހަމަސްދުވަސް ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ރާއްޖޭގެ އިޤްތިސާދަށް އިތުބާރާއި ކުރިއެރުން ގެނެސްދެއްވާފައިވާ ކަމަށް، އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ހަމަސް ފުރުމާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ޒައާމަތުގައި، ރާއްޖެ ހޭދަކުރި ފުރަތަމަހަމަސް ދުވަހަކީ، ކާމިޔާބު އަދި އިޤްތިސާދަށް އިތުބާރާއި ކުރިއެރުން އެމަނިކުފާނު ގެނެސްދެއްވި 6 މަސް ކަމަށެވެ.
ސައީދު ވިދާޅުވީ، ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ ވެއްޓިފައި އޮތް ނުރައްކާތެރި ޙާލަތު އެމަނިކުފާނު މިހަމަސްތެރޭ ބަދަލުކުރައްވާފައި ވާކަމަށެވެ. އަދި، ފައިސާ ޗާޕްކުރުން މިހާރު ހުއްޓާލައްވައިފާކަމަށާއި، ވާނުވާގައި ދައުލަތުގެ މާލީ ހާލަތު އޮންނަން ދޫކޮށްނުލައްވާ ކަމަށެވެ.
ކުރީ ސަރުކާރުގެ މާލީހާތު އަދި ސަރުކާރު ނިމުނު އިރު ދައުލަތް ދަރަނިކޮށްފައިއޮތް އޮތުމަށް ނުސީދާގޮތަކަށް އަމާޒުކުރައްވައި، ސައީދު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ގައުމު ބަނގްރޫޓްކޮށްލަން ދޫކޮށްނުލައްވާކަމަށެވެ.
”إِنْ شَاءَ ٱللَّٰهُ! ޤައުމު 200 މިލިއަން ޑޮލަރަށް ބޭނުންޖެހި ”ޑިޒައިންކުރިގޮތައް“ ބަނގުރޫޓްވާކަށްވެސް ރައީސް ޑރ. މުއިއްޒު ދޫކޮށެއްނުލައްވާ.“ ސައީދު ވިދާޅުވެފައި ވެއެވެ.
ސައީދު ވިދާޅުވީ ރައީސް މުޢިއްޒުގެ މަސައްކަތްޕުޅު ކުރައްވަނީ ތެދުވެރިކަމާއި އެކުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ތެދުވެރިކަމާއި ،ހިންގުންތެރިކަމުގެ ފައިދާ ކުރަނީ ގައުމަށްކަމަށް ވިދާޅުވެފައި ވެއެވެ.



