ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމަށްވާ، ޖާހިރު ހޮސައިން (33އ) އާއި ސޮޖަން ސުލްތާން (36އ) އެވެ.
މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް 1 ގެ ކޮންޓެއިނަރ ޖެޓީން މާލެއަށް ބަނގުރާ ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައެވެ.
ހުޅުމާލެ ފޭސް 1 ގެ ފުލުހުންނާއި ބުރިޖު އެންޑް ހައިވޭ ޕޮލިސް ގުޅިގެން މާރިޗު 30 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، ބުރިޖުމަތިން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 28 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ މެދުނުކެނޑި އެންޓި ނާކޮޓިކްސް އޮޕަރޭޝަންތައް ހިންގަމުންނެވެ.



