އިސްރަށްވެހިންނަށް ޚާއްސަ ކޮށްގެން ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ޚާއްސަ ސިމްޕޯސިއަމްއެއް މިއަދު ފަށައިފިއެވެ.
މިއީ ދެ ދުވަހަށް ކުރިއަށްދާނެ ސިމްޕޯސިއަމް އެކެވެ.
މި ސިމްޕޯޒިއަމްގައި، ކަމާ ގުޅުންހުރި އެކި ފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން، ތަފާތު ޖަމްޢިއްޔާތަކާއި، ޔޫއެން އެޖެންސީތަކާއި، ހެލްތު މިނިސްޓްރީއާއި، ސޯޝަލް އެންޑް ޖެންޑަރ މިނިސްޓްރީގެ އިތުރުންވެސް ކަމާއި ގުޅުންހުރި ހުރިހާ ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާ ކުރެވިގެންދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ސިމްޕޯޒިއަމްއާ ގުޅޭގޮތުން ދައުލާތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސް ޑރ.އަޙްމަދު އަޝްރަފް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުން ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މި ސިމްޕޯޒިއަމްގެ ތެރެއިން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ އުމުރުން ދުވަސްވާ މީހުން ރަނގަޅު ސިއްޙަތެއްގައި ގިނަ ދުވަސްތަކެއް ހޭދަކުރުން. އެމީހުންނަށް ބޭނުންވާނެ ބޭސްފަރުވާއަށް އެމީހުންނަށް ދިމާވެދާނެ ކަންތައްތަކުން ރައްކާތެރިވުމަށް ކުރަން ހުންނަ ކަންތައްތައް އެމީހުންނަށް ބޭނުންވާނެ ދުޅަހެޔޮ ކާނާއަށް ނަފްސާނީ ދުޅަހެޔޮ ކަމަށް މި ހުރިހާ ކަމަކަށް އަމާޒު ކޮށްގެން ހެޔޮ ހާލުގައި އެންމެ ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ކަންތައްތައް ކުރުން“ ޑރ. އަޝްރަފް ވިދާޅުވިއެވެ.




