މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިއަދުވެސް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 12 ޖެހުމާ ހަމައަށެވެ.
ވައިޓް އެލާޓުގައި ބުނެފައިވަނީ، އެލާޓް ނެރެފައިވާ ވަގުތުތެރޭގައި މުޅީ ރާއްޖެއަށް ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ. މެޓް އޮފީހުން ލަފާކޮށްފައިވަނީ މުލީ ރާއްޖެއަށްވެސް، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ހުޅނަގު މޫސުމުގެ ވިއްސާރަކުރަމުންދާއިރު، މޫސުމަށް ސަމާލުވެ، ރައްކާތެރިވުުމުގެ ފިޔަވަޅު އެޅުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ނެޝަނަލް ޑިޒާސްޓަރ މޭނޭޖްމެންޓް އޮތޯރިޓީންވެސް ވަނީ ވިއްސާރައިގައި ލިބިދާނެ ގެއްލުމަކަށް ތައްޔާރުވެ ދުރާލާ ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.



