ސްވިފްޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ހުޅުމާލޭގައި 364 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ބޭންކާ ބެހޭގޮތުން ފަހަކަށް އައިސް ފެތުރެމުންދާ އަޑުތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، ބޭންކުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި ކާމިޔާބު މަޝްރޫޢުތަކެއް ހިންގަމުންދާ މި ދަނޑިވަޅުގައި، ބައެއް ފަރާތްތަކުން ބޭންކާއި ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާނެ ފަދަ ދޮގު މަޢުލޫމާތު ފަތުރަމުންދާ ކަމަށެވެ.
ޚާއްޞަކޮށް، ސްވިފްޓުން ބޭންކް ސަސްޕެންޑްކޮށްފައިވާ ކަމަށާއި، ބޭންކުގެ ނޮސްޓްރޯ އެކައުންޓްތަކުގައި ފައިސާ ނެތުމުން ޓީޓީ ފަދަ ބޭރުގެ މުޢާމަލާތްތައް ނުކުރެވޭނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ޝަރީފް ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ބޭންކުގައި ބޭރު ފައިސާގެ ލިކުއިޑިޓީ ހުންނަންޖެހޭ މިންވަރަށް އެބަހުރި ކަމަށާއި، ނޮސްޓްރޯ އެކައުންޓްތަކުގައި ވެސް ކަނޑައެޅިފައިވާ ލިމިޓަށް ފައިސާ އެބަހުރި ކަމަށެވެ.

”ބޭންކުން މިދަނީ ކްރޮސް ބޯޑަރ ޕޭމަންޓްތަކާއި، ކާޑުގެ ޚިދުމަތާއި އަދި ޓީޓީގެ ޚިދުމަތް ވެސް ހިމެނޭހެން ހުރިހާ ޚިދުމަތެއް ފުރިހަމައަށް ދެމުން،“ ސީއީއޯ ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނޮސްޓްރޯ އެކައުންޓްތަކުގައި ފައިސާ ނެތްނަމަ ބައިނަލްއަޤްވާމީ އެއްވެސް މުޢާމަލާތެއް ބޭންކަށް ނުހިންގޭނެއެވެ. ނަމަވެސް ބޭންކުގެ ހުރިހާ ޚިދުމަތްތަކެއް މިހާރުވެސް މެދުކެނޑުމެއްނެތި ކުރިއަށްދާކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ޝަރީފް ވިދާޅުވީ މިފަދަ ދޮގު މަޢުލޫމާތު ފެތުރުމުގެ ބޭނުމަކީ ކަސްޓަމަރުންނާއި ޕާޓްނަރުންގެ މެދުގައި ބޭންކާ މެދު ނުބައި ތަސައްވުރެއް އުފައްދައި، ރާއްޖޭގެ ބޭންކިންގ ނިޒާމަށް ގެއްލުން ދިނުން ކަމަށެވެ. އެހެންކަމުން، ބޭންކާ ގުޅޭ ސައްޙަ މަޢުލޫމާތު ހޯދުމަށް ސީދާ ބޭންކުގެ ބަޔާންތަކަށް ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބަރޯސާވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް ފަތުރާ މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ހުރިހާ ކަސްޓަމަރުންނަށް އޭނާ ބާރުއެޅުއްވިއެވެ.



