މީގެ 25 އަކަށް އަހަރު ކުރިން، މިއަދު އަޅުގަނޑުމެން މިދެކޭ ހުޅުމާލެ އޮތް ސަރަޙައްދަކީ ހަމައެކަނި ކަނޑުގައި އޮތް ފުޅާ ފަޅެކެވެ. ހުޅުލޭގެ އުތުރުން އޮތް އެ ބިޔަ ފަޅަކީ މިއަދު ދިވެހިރާއްޖޭގެ އެންމެ އުންމީދީ އަދި އެންމެ ބޮޑު އާބަން ސިޓީއެވެ. މިއީ ހަމައެކަނި ބިން ހިއްކުމުގެ މަޝްރޫޢެއް ނޫނެވެ. މިއީ ޤައުމެއްގެ ކުރިމަގު ބަދަލުކޮށްލި ތާރީޚީ މަޝްރޫއުއެވެ.
އެންމެ ހިކިފަސް ތަންކޮޅެއްވެސް ނެތް ފަޅަކުން، ވެލި ފުކަކަށްފަހު ފުކެއް އަޅައިގެން، މާލެއާ ކައިރިން މިފަދަ ބޮޑު ބިމެއް ހިއްކައި، އެތަނުގައި މީހުން އާބާދުވުމަށް ފުރުސަތު ތަނަވަސް ވެދާނެ ކަމަށް މީގެ 25 އަހަރު ކުރިން ތަޞައްވަރުވެސް ކުރެވިފައެއް ނުވެއެވެ.

މަޖުބޫރުވީ ހާލަތަކުން އުފަންވި އުންމީދެއް
ހުޅުމާލޭގެ ފެށުމަކީ، މާލެއަށް ދިމާވެފައި އޮތް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ފެށުނު ދަތުރެކެވެ. 20 ވަނަ ޤަރުނު ނިމުނުއިރު، މާލެއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއް ސިޓީއަށް ވެފައި އޮތުމުން، ދިރިއުޅޭނެ ބިމާއި ވަޞީލަތްތަކަށް އޮތީ ނުހަނު ބޮޑަށް ބޭނުން ޖެހިފައެވެ.
މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން 16 އޮކްޓޯބަރު 1997 ގައި އޭރުގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ސަރުކާރުން، ހުޅުލޭ-ފަރުކޮޅުފުށި ފަޅުން ބިން ހިއްކަން ފެށިއެވެ. އެއީ ދިވެހި ތާރީޚުގައި ފެށުނު އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢެވެ. އޭގެ ބޭނުމަކީ ހަމައެކަނި ބިން އިތުރުކުރުމެއް ނޫނެވެ. އެއީ ދިވެހި ރައްޔިތުންނަށް އެތައް އާ ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމެވެ.

އެޗްޑީސީގެ އުފަންވުން: ސިޓީއެއް ބިނާކުރުމުގެ މޭސްތިރިޔާ
މި ބޮޑު މަޝްރޫޢު ހިންގާ ބެލެހެއްޓުމަށްޓަކައި 2001 ވަނަ އަހަރު ”ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް“ އުފެދި، ފަހުން ޔުނިޓް އުވާލާ، ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ކުންފުންޔެއް ހެދީ މީގެ 25 އަހަރު ކުރިން، 2005 ވަނަ އަހަރުއެވެ.
އެޗްޑީސީގެ މައްސޫލިއްޔަތަކަށްވީ ހުޅުމާލޭގައި ދިރިއުޅުމަށްޓަކާ ބޭނުންވަ ގޯތިގެދޮރު ބިނާ ކުރުމުގެ ކަންތައް ރާވައި، ދެމެހެއްޓެނިވި ގޮތެއްގައި އެކަންކަން ހިންގައި، ހުޅުމާލޭގެ ބިމާއި، މަގުތަކާއި ފަޅު ތަރައްގީކޮށް، ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ ކަންތައްތައް ފަދަ އަސާސީ ހިދުމަތްތައް ދިނުމަށް ކުރެވޭ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމެވެ.
މީގެ އިތުރުން ހުޅުމާލޭގައި ސިނާއީ މަސައްކަތްތަކާއި ވިޔަފާރީގެ މަސައްކަތްތައް އަދި ދަތުރުފަތުރު ކުރުމުގެ ކަންތައްތައް މަގުފަހިކޮށްދީ، ސަރުކާރުން ހުޅުމާލެއަށް ފޯރުކޮށްދޭ އަސާސީ ހިދުމަތެއް ވިލަރެސް ކުރުމަކީވެސް އެޗްޑީސީ އުފެއްދި މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންތަކެވެ.
އެޗްޑީސީގެ ނަން ހުޅުމާލޭ ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ ނަމުން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމަށް ބަދަލު ކުރެއްވީ 2009 ވަނަ އަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހު އެވެ.

ހިއްކި ބިމުން، ދިރިއުޅުން އާރާސްތުވި ސިޓީއަކަށް
2004 ވަނަ އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހަކީ ތާރީޚީ ދުވަހެކެވެ. އެ ދުވަހަކީ ހުޅުމާލޭގެ ފުރަތަމަ އާބާދީ އެ ސިޓީގައި ވަޒަންވެރިވާން ފެށި ދުވަހުވެ. އޭރު މަދު މީހަކުން ފެށި މި ސިޓީއަކީ މިއަދު 100,000 އަށްވުރެ ގިނަ މީހުންގެ ވަޒަނެވެ. މި ބިޔަ މަޝްރޫޢުގެ ސަބަބުން އުފެދުނު ތަރައްޤީގެ ރޫހު މިއަދު މިވަނީ މުޅި ރާއްޖެއަށް ފެތުރި، އާ އުސްމިންތަކަކަށް ދަތުރު ފަށާފައެވެ..
އެގޮތުން ދާދި ފަހުން ނިންމާލި ހުޅުމާލެ ފޭސް 3 ގެ 63 ހެކްޓަރުގެ ބިމަކީ ބޯހިޔާވަހިކަމަށް ލިބުނު ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ. އޭގެ އިތުރުން، މާލެ ކައިރީގައި އޮތް ގުޅީފަޅު ވެސް ހުޅުމާލެ ފަދައިން މާލެ ސަރަހައްދުގައި ބޯހިހިޔާވަހިކަމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދޭނެ ބިޔަ މަޝްރޫއުއަކަށެވެ.

ފުޅާވަމުންދާ ދާއިރާ: ތިލަފުށިން ކުޑަގިރިއަށް
އެޗްޑީސީގެ މަސައްކަތްތަކީ މިއަދު ހަމަ އެކަނި ހުޅުމާލޭގެ ކަންކަން ބެލެހެއްޓުން އެކަންޔެއް ނޫނެވެ. މާލެ ސަރަޙައްދުގެ ވިޔަފާރިއާއި ސިނާޢީ ކުރިއެރުމުގެ މައި މަރުކަޒަކީ މިހާރު ތިލަފުށްޓެވެ. އޮޑިދޯނިފަހަރު ބަނުމާއި، ސިނާޢީ އެކި އުފެއްދުންތަކުގެ ހަބަކަށް އެރަށް ބަދަލުކޮށްލުމުގެ އިތުރުން، ބައިނަލްއަޤްވާމީ ބޯޓު ފަހަރު ކައިރިކުރާނެ ޒަމާނީ ބަނދަރަކަށް އެރަށް ހެދުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ.
ހަމައެހެންމެ، އިޖުތިމާޢީ ދިރުން ހޯދައިދިނުމުގެ ގޮތުން ތަރައްޤީކުރި ”ކުޑަގިރި ޕިކްނިކް އައިލެންޑް“ އަކީ އެޗްޑީސީން ގެނައި އިންގިލާބީ ބަދަލެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ރަށަކީ، އާއިލީ ގުޅުންތައް ބަދަހިކުރުމަށް ލިބުނު ރަނގަޅު މާހައުލެކެވެ.

މުސްތަޤުބަލުގެ އުންމީދު: ރަސްމާލެ
އެޗްޑީސީގެ 25 އަހަރުގެ ތަޖުރިބާގެ ބިންގަލުގެ މަތީގައި މިއަދު ބިނާކުރަމުންދާ އެންމެ ބޮޑު މަޝްރޫޢަކީ ”ރަސްމާލެ“ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވަރާ އެއްގޮތަށް ފެއްޓެވި މި މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިމެވެ. 1,090 ހެކްޓަރުގެ ބޮޑު މި ސިޓީ ތަރައްޤީކުރެވެނީ ތިމާވެށްޓާ ރައްޓެހި ’އީކޯ ސިޓީ‘ އެއްގެ ކޮންސެޕްޓަށެވެ.
ރަސްމާލެ ވެގެންދާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، ޒީރޯ-ކާބަން ސިޓީއަކަށެވެ. މިއީ ދިވެހި އިންޖިނިއަރުންގެ ހުނަރުވެރިކަމާއި އެޗްޑީސީގެ ހިންގުންތެރިކަން ދުނިޔެއަށް ދައްކާލާނެ ނަމޫނާ މަޝްރޫއު އަކަށް ވެގެންދާނެއެވެ.

ކުންފުނީގެ މައިބަދަ: އިޚްލާޞްތެރި މުވައްޒަފުން
މި ހުރިހާ ބިޔަ މަޝްރޫޢުތަކާއި ކާމިޔާބީތަކުގެ ހަގީގީ ބާރަކީ އެޗްޑީސީގެ ހީވާގީ އަދި އިހުލާސްތެރި މުވައްޒަފުންނެވެ. ވޭތުވެދިޔަ 25 އަހަރު އެ ފަރާތްތަކުން ދެއްކެވި ސާބިތުކަމާއި، ކޮށްދެއްވި ބުރަ މަސައްކަތްތަކީ އެ ކުންފުނީގެ މައިބަދައެވެ. އެޗްޑީސީ ރިހި ޔޫބީލްގެ މުނާސަބަތުގައި ”ކަނޑުން ރިހި ދޮންވެލީގެ އައްސޭރިއަށް“ މި ޝިއާރު ކަނޑައެޅިގެންދިޔައީވެސް، ފަޅަކުން ފަށައިގެން މިއަދު މިދެކޭ ފާގަތި ދިރިއުޅުމަށް ކުރި ދަތުރު ރަމްޒުކޮށްދިނުމަށެވެ.
މި އުފާވެރި މުނާސަބަތު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް އެޗްޑީސީއިން ވަނީ ރާވާފައެވެ. އެގޮތުން ”މައި ހުޅުމާލެ ފެސްޓިވަލް“ އާއި ”އާޓް ފެސްޓިވަލް“ ފަދަ ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ”ގާލާ އާޓް“ ،“އެޗްޑީސީ ރަން“ އަދި ”ކުޑަކުދިންގެ ކާނިވަލް“ އިން މުޅި ހުޅުމާލެ ފަޅުފިލުވާލަ ދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އާ އުސްމިންތަކަކަށް
އެޗްޑީސީގެ 25 އަހަރަކީ ދަތުރެއްގެ ނިމުމެއް ނޫނެވެ. އެއީ މުޅިން އާ ބާބެއްގެ ފެށުމެވެ. ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ 63 ހެކްޓަރުގެ މަސައްކަތާއި، ގުޅީފަޅާއި ތިލަފުށީގެ ބޮޑެތި ބަދަލުތަކާއެކު، އެޗްޑީސީގެ އަމާޒަކީ އަންނަން އޮތް ޖީލުތަކަށް އަމާން، ޒަމާނީ އަދި ފާގަތި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމެވެ. ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި އެޗްޑީސީ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.




