ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ރައްކާތެރިވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން އިލްތިމާާސްކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނީ، މޫސުމާ ބެހޭ ޤައުމީ އިދާރާއިން، ކުރިއަށް އޮތް ތިން ދުވަހަށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމީ ސަމާލު ނެރެފައިވާތީ، އަދި ޚާއްޞަކޮށް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެކަށް ދަތުުރު ފަސްކޮށްލުމަށް ވެސް ކޯސްޓްގާޑުން އިލްތިމާސްކޮށްފައި ވެއެވެ.
މެޓް އޮފީހުން މިއަދުވެސް ވަނީ މެންދުރު 12 ޖެހުމާ ހަމައަށް، މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައިވާ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި ވެއެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.



