ތިމާވެއްޓާ ރައްޓެހި، ސޯލާ ފެރީ ގެނެސް އަޖުމަ ބެލުމުގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ޠާރިޤް ވިދާޅުވީ ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅުވާލުމަށް މަސައްކަތް ކުރަމުން އަންނައިރު މި ޚިދުމަތް ހަރުދަނާގޮތެއްގައި ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރައްވާކަމަށެވެ.
މި ޚިދުމަތުގައި ބޭނުންކުރަނީ ޒަމާނީ ފެންވަރުގެ ފެރީތަކެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި ފެރީތަކުގެ ތެތަލަށް ބޮޑު ހޭދައެއް ކުރަން ޖެހޭކަމަށެވެ. އެހެންކަމުން އަދުގެ ހާލަތަށް ބަލާއިރުވެސް މި ފެރީ ސިސްޓަމްއަކީ ހަރުދަނާ އަދި ތެޔޮ ވީހާވެސް މަދުން ބޭނުންކުރާ ބާރު ދުވެލިީގައި ދުއްވާ އެއްޗެއްސަށް ހެދުމަށް މަސައްކަތް ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”ކުރިއަތް އޮތްތަނުގައި ޓްރާންސްޕޯޓް މިނިސިްޓްރީއާއި ލޯންޗް ބަންނަ ފަރާތްތަކުންވެސް މިކަމުގެ އެފިޝިއަންސީއަށް ބަލާނެކަމަށް ޤަބޫލުކުރަން. އެކަންކަން ކުރެވޭނެކަމަށް ޤަބޫލުކުރަން“ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މިހާރު ޚިދުމަތްދޭ ފެރީތަކުގެ އިތުރުން އެ ވުޒާރާއިިން އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެރީ ދުއްވޭނެ ގޮތްތައް ބެލުމަށް މަސައްކަތް ކުރާކަމަށެވެ. އެގޮތުން ލަސްތަކެއް ނުވެ ސޯލާ ފެރީ ގެނެސް އަޖުމަ ބެލުމުގެ ދަތުރުތައް ފަށާނެކަމަށާއި ރާއްޖޭގެ ބައެއް ހިސާބުތަކުގައި އެ ފެރީ އަޖުމަ ބެލުމުގެ ގޮތުން ދުއްވަމުންދާނެކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ސޯލާ ފެރީ ސިސްޓަމެއް ޤާއިމްކޮށް ފެށޭނެކަމަށް އުންމީދުކުރައްވާކަމަށާއި ޚާއްސަކޮށް ކައިރި ރަށްރަށް ދަތުރުކޮށް ޚިދުމަތް ދެވޭނެ ގޮތަށް އެނިޒާމް ބައްޓަންކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.




