ބޭސްހޯދުމުގައި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ސްޓޭޓް ފާމަސިއުޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ރަސްމީ ހޮޓްލައިން ނަންބަރަކާއި ޚާއްސަ ޕޯޓަލެއް މިއަދު ތައާރަފްކޮށްފިއެވެ.
އެގޮތުން ސަރުކާރުގެ ބޭސް ކުންފުނިން ތައާރަފްކުރި ހޮޓްލައިން ނަންބަރަކީ 1505 އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު: 23/2025 ޤަރާރުން އުފައްދަވާފައިވާ އެ ކުންފުނީގެ މައިގަނޑު މަސްޢޫލިއްޔަތަކީ، ދިވެހިރާއްޖޭގެ ބޭސްފަރުވާއާއި ގުޅޭ އެންމެހާއި ޚިދުމަތްތަކެއް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދެމެހެއްޓެނެވި ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމެވެ.
ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ޒަމާނީ ފެންވަރަށް ވިލަރެސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، ބޭހާއި ސިއްޙީ އާލާތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތް، މިހާރަށްވުރެ ފުޅާކުރުމަށް އެ ކުންފުނިން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އެ ކުންފުނިން ދެވޭ ޚިދުމަތްތަކަކީ ރައްޔިތުންނާއި ގާތުން، ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ހެދުމުގެ ބޭނުމުގައި، މިއަދު ތައާރަފްކުރި މި ހޮޓްލައިން ނަންބަރަކީ، 24 ގަޑިއިރު ބޭހުގެ ޚިދުމަތް ހޯދުމަށް އެދި ގުޅޭނެ ޙާއްސަ ނަންބަރެކެވެ.
މިގޮތުން، ޒަރޫރީ ބޭސްތައް ހޯދުމުގައި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިވާނަމަ، މިހޮޓްލައިން މެދުވެރިކޮށް ބޭހަށް އޯޑަރުކުރުމާއި، ބޭސް ލިބޭނެ އިންތިޒާމުތައް، ހަމަޖައްސައިދެވޭނެ ކަމަށް ސަރުކާރުގެ ބޭސްކުންފުނިން ބުނެފައިވެއެވެ.
އަދި މީގެ އިތުރުން، ”އީ-ފާސް“ މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް، ވަދެވޭ ގޮތަށް ތަޢާރަފްކުރެވޭ އެ ކުންފުނީގެ ”ސްޓޭޓްފާމާ / އިން ބޭސް ހޯދުމަށް އެދުމާއި، އެދިފައިވާ ބޭސް ލިބުމުގެ އެންމެފަހުގެ އަދާހަމަ އަކީ ކޮބައިކަން ވެސް ދެނެގަނެވޭނެއެވެ.
މިޕޯޓަލް ފަރުމާކުރެވިފައިވަނީ އެންސްޕާގެ ނިޒާމާއި ގުޅުވާލެވިގެން ކަމަށްވާތީ، މިހާރުވެސް ހިނގަމުންދާ ނިޒާމުގެ ތެރެއިންނާއި، ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ހުށަހެޅުންތަކަށް، އަވަސް ޚިދުމަތެއް ލިބިގެންދާނެއެވެ. މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއި، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބޭހުގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.
އެހެންކަމުން، ހޯއްދަވަން ބޭނުންވާ ބޭހުގެ މަޢުލޫމާތު ހިއްސާކުރުމަށް، ބޭސް ކުންފުނީގެ ހޮޓްލައިން ނަންބަރު ”1505“ ނުވަތަ ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް، އެ ކުންފުނިން އެދިފައިވެއެވެ.



