ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް މިއަދު ހެދުނު 06:00 އިން ފެށިގެން 12:00 ޖެހުމާއި ހަމަޔަށް ވައިޓް އެލާޓް ނެރުނެވެ. އެހެންނަމަވެސް 10:00 ފެށިގެން މެންދުރު 14:00 އާ ހަމަޔަށް، މިހާރު ވަނީ ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް ޔެލޯ އެލާޓް ނެރެފަ އެވެ.
އެ އެލާޓްގައި ނެރެފައިވަނީ އެ އަތޮޅުތަކަށް، ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ކަފާކޮށްނެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ރައްކާތެރިވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ވަނީ އިލްތިމާާސްކޮށްފަ އެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެކަށް ދަތުުރު ފަސްކޮށްލުމަށް ވެސް ކޯސްޓްގާޑުން އިލްތިމާސްކޮށްފައި ވެއެވެ.



