އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި، ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ކުލި އެ ސަރުކާރުން ކަނޑައެޅި އަގަށް ބަދަލުކުރުމަށާއި، އެތަންތަނުން ނަގާ ޑައުންޕޭމަންޓް އުނިކޮށްދިނުމަށް އެދި ފަހި ޔޫނިއަނުން މި ސަރުކާރަށް ގޮވާލައިފިއެވެ.
އެ ޔޫނިއަންއިން އެ ގޮތަށް ގޮވާލާފައި މި ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ ކުލި، ދެ އަހަރަށް މައާފު ކޮށްދީފައި ވަނިކޮށެވެ.
އެމްޑީޕީން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން އިމާރާތްކުރި މި 4000 ފްލެޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،250 ފްލެޓާއި ތިން ކޮޓަރީގެ 2،750 ފްލެޓެވެ.
އެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ފްލެޓް ލިބުނު އާއިލާތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ގިނަ ކަންތައްތަކަކަށް ސަރުކާރުގައި އެދިފައެވެ. އޭގެ ތެރޭގައި ކުލި ނެގުން ފަސްކޮށްދިނުމާއި، އެއްބަސްވުމުގެ ބާވަތް ބަދަލުކުރުން ވެސް ހިމެނެއެވެ.
ފަހި ޔޫނިއަންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ނިމިދިޔަ ސަރުކާރުން 4000 ފްލެޓުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ މެއިންޓަނަންސް ފީއާއެކު ދެ ކޮޓަރީގެ ފްލެޓަކަށް 6،000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓަކަށް 8،000 ރުފިޔާއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އެއްބަސްވުން ހެދިއިރު، ދެ ކޮޓަރީގެ ފްލެޓެއްގެ ކުލި ވަނީ މެއިންޓަނަންސް ފީއާއެކު 7،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ތިން ކޮޓަރީގެ ފްލެޓެއްގެ ކުލި ވަނީ 10،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
އެހެންކަމުން އެ ޔޫނިއަނުން ވަނީ، ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ކުއްޔަށް އަގުތައް ތިރިކޮށްދިނުމަށް ގޮވާލާފައެވެ.
މީގެ އިތުރުން، އެފްޑީސީން ކުއްޔަށް ދޭ އެޕާޓްމަންޓްތަކަށް ނަގަން ކަނޑައަޅާފައިވާ ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ވެސް ފަހި ޔޫނިއަނުން ވަނީ އެދިފައެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ އިގުތިސާދީ ދަތި ހާލަތަށް ރިއާޔަތްކޮށް، ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރުމަށް އާންމު ރައްޔިތުން ބޮޑު ހޭދައެއް ކުރަންޖެހޭތީ، މިހާރު ދީފައިވާ ތިން މަސްދުވަހުގެ ގްރޭސް ޕީރިއަޑް އިތުރު ހަ މަހަށް ނުވަތަ އެއް އަހަރަށް ފަސްކޮށްދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.




