ދައުލަތުން ދައްކަންޖެހޭ، ސުކޫކު އަނބުރާ ދެއްކުމުގައި ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށުމުގެ ދައުރު ބޮޑު ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
މަރުކަޒީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ބޭރު ފައިސާގެ ޤާނޫނު ތަންފީޒުކުރުމުގެ ނަތީޖާއަކީ ސޫކޫކު ފަދަ ސަރުކާރުގެ ދަރަނިތައް ދެއްކުމުގައި އެހީތެރިކަން ލިބުނުކަމެއް ކަމަށެވެ.
އެ އޮތޯރިޓީން މި ގޮތަށް ހާމަކުރީ 2021 ވަނަ އަހަރު ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އޭގެ ކޫޕަން ޕޭމަންޓަށް ވާ ޖުމުލަ 524.68 މިލިއަން ޑޮލަރު، 2 އޭޕްރީލް 2026 ވަނަ ދުވަހު، ސަރުކާރުގެ ފިސްކަލް އެޖެންޓުގެ ހައިސިއްޔަތުން ދައްކައި ޚަލާސްކުރުމާ ގުޅިގެންނެވެ.
އެ އޮތޯރިޓީން ބުނީ، ސުކޫކަށް ނަގާފައިވާ ދަރަންޏަށް ފައިސާދައްކާފައިވަނީ ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރި ފައިސާގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ޤާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) ބޭނުންކޮށްގެން ކަމަށެވެ.
މަރުކަޒީ ބޭންކުން ހާމަކުރާގޮތުގައި، ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށާއި އަދި ބޭރު ފައިސާގެ ލިކިއުޑިޓީ އިތުރުކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެމްއެމްއޭއިން ވަނީ ތަންފީޒުކުރަން ފަށާފައެވެ.
އެގޮތުން، 2024 ވަނަ އަހަރު، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ތަންފީޒުކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ކުރިއަށްވުރެ ހަރުދަނާވެ، ދައުލަތުން އަދާކުރަންޖެހޭ ދަރަނިތައް ދެއްކުމުގައި މުޙިއްމު ކުރިއެރުންތަކެއް ލިބުމެވެ. އަދި އޭގެ އިތުރުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމާއި އަދި މިކަމާ ގުޅޭ އެހެނިހެން އިސްތިރާޖީ ރިފޯމްސްތައް ތަންފީޒުކުރެވިފައިވަނީ ދިވެހި ސަރުކާރާއި ދައުލަތުގެ އެއްމެހައި އިދާރާތަކާއި އެމްއެމްއޭއާއި ގުޅިގެން ކުރެވުނު މުޙިއްމު މަސައްކަތްތަކުން ކަމަށްވެސް އެ އޮތޯރިޓީން ހާމަކުރިއެވެ.
އެމްއެމްއޭއިން ހާމަކުރާ ގޮތުގައި، ކުރިއަތް އޮތްތާގައިވެސް އެ އޮތޯރީޓީ މަސައްކަތްކުރަމުން ދާނީ ސަރުކާރާއި ދައުލަތުގެ އެއްމެހައި އިދާރާތާކުގެ އެއްބާރުލުމާއެކު، ދައުލަތުގެ ރިޒާވު އިތުރަށް ވަރުގަދަކުރުމަށްޓަކައި އެކުލަވާލަންޖެހޭ އެންމެހައި ސިޔާސަތުތައް ރާވައި ތަންފީޒުކުރުމުގައެވެ.




