ވާދަވެރި 3 އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވާ 294،876 މީހުންގެ ތެރެއިން މިހާތަނަށް ވޯޓުލާފައިވަނީ 62،083 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިއަދުގެ ވޯޓުލުން ފެށިފައިވަނީ، ހެނދުނު 8:00 އިން ފެށިގެންނެވެ. އަދި ވޯޓުލުން ނިމޭނީ، ހަވީރު 4:00 ގައެވެ.
އީސީން ދާދިދެންމައަކު އާންމު ކުރި ތަފާސްހިސަަބުތަކުން ދައްކާ ގޮތުގައި، މިއަދުގެ މިހާތަނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 294،876 މީހުންގެ ތެރެއިން މިހާތަނަށް ވޯޓުލާފައިވަނީ 62،083 މީހުންނެވެ. އެއީ 28838 އަންހެނުންނާއި 33245 ފިރިހެނުންނެވެ. ވޯޓު ލާފައިވަނީ 21.05 އިންސައްތަ މީހުންނެވެ.
މިހާތަނަށް މިއަދު އަދި ވޯޓު ނުލާ މީހުންގެ އަދަދު 232،793 މީހުންނެވެ.
މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 2،961 ކެންޑިޑޭޓުން ވާދަކުރެއެވެ.
އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން ނުވައެއް އަދި ދަ ޑިމޮކްރެޓްސް އިން 8 ކެންޑިޑޭޓުން ވާދަކުރެއެވެ. އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ.



