އިންތިޚާބުގެ އޮފިޝަލުންނަށް ބިރުދައްކައި، ނުވަތަ ވޯޓުލާ މީހުންނަށް ބިރު ދެއްކުމަކީ ގާނޫނީ ކުށެއް ކަން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ހަނދާން ކޮށްދީފިއެވެ.
އެ އިދާރާއިން ބުނީ، ވޯޓުލުމުގެ ހައްގަކީ ރައްޔިތުންގެ އެންމެ އަސާސީ އެއް ހައްގު ކަމަށާއި، ވޯޓުލުމުގެ ހައްގުގެ އެންމެ އަސާސީ ކަމަކީ އެ މީހަކު އިޚްތިޔާރުކުރާ ކެނޑިޑޭޓަކަށް އަމިއްލަ އިޚްތިޔާރުގައި، އެއްވެސް މަޖުބޫރުކަމެއް ނެތި ވޯޓުލުމުގެ ފުރުސަތު ފަހިވެފައި އޮތުން ކަމަށެވެ.
އެހެންކަމުން ވޯޓުލުމުގެ ހައްގުގެ މައްޗަށް ސިޔާސީ، ނުވަތަ އިގުތިޞާދީ ނުފޫޒުތައް ކުރިމަތިކުރުވުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށް، އެ އިދާރާއިން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ، އާންމުންނާއި ސިޔާސީ ޕާޓީތަކުން އިންތިޚާބުގެ އޮފިޝަލުންނަށް ބިރުދެއްކުމާއި، މީހުން ވޯޓުލުމަށް ހުރަސްއެޅުމާއި، ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ވޯޓުލާ މީހާއަށް އަނިޔާއެއް ކޮށްފާނެ ކަމުގެ ބިރުދެއްކުމަކީ ސިޔާސީ ޕާޓީތަކާއި ކެނޑިޑޭޓުން ކުރުން މަނާ، ގާނޫނީ ކުށެއް ކަމަށެވެ.
މީގެ އިތުރުން، އިންތިޚާބުގެ އޮފިޝަލުންނާއި އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން، އިންތިޚާބަށް ކުރިމަތިލުމަށް ފޮނުވާ ލިޔެކިއުންތައް ނައްތާލުމާއި، އިހުމާލުވުމާއި، ވޯޓު ކަރުދާސް ވިއްކުމާއި، ވޯޓު ފޮއްޓާއި، ވޯޓު ކަރުދާހުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވާފަދަ ކަމެއް ކުރުމާއި، ވޯޓު އޮޅުވާލުން ފަދަ ކަމެއް ކޮށްފިނަމަ، ތިން އަހަރާއި އަށް އަހަރާ ދެމެދުގެ ޖަލު އަދަބެއް އަންނާނެ ކަމަށް، އެ އޮފީހުން ބުންޏެވެ.
އިންތިޚާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އެންމެ ގިނަވެގެން ޚަރަދުކުރެވޭނީ އެ ކެނޑިޑޭޓަކު ކުރިމަތިލާ އިންތިޚާބީ ދާއިރާއެއްގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2000 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދު ކަމަށް، ޕީޖީ އޮފީހުން ބުންޏެވެ.
އެ އަދަދަށްވުރެ އިތުރަށް ޚަރަދުކުރުމަކީ ގާނޫނުގެ ދަށުން ކުށެއް ކަމަށްވެސް، އެ އިދާރާއިން ބުންޏެވެ.
އެހެންކަމުން، ކެނޑިޑޭޓުންނާއި އިންތިޚާބުގެ އޮފިޝަލުންނާއި ވޯޓުލާ މީހުން މި ކަންކަމަށް ސަމާލުވުމަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



