އަފްޣާނިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އެގައުމުގެ ގޯރް ޕްރޮވިންސަށް މެދު ނުކެނޑި ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 50 މީހުން މަރުވެއްޖެ އެވެ.
އަފްޣާނިސްތާނުގެ ރެފިއުޖީންނާއި ބެހޭ މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި އެ ޕްރޮވިންސަށް މެދު ނުކެނޑިި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންގަޑުގައި ތާށިވެގެންނާއި، ކިސަޑު ފޭޭބުމުގެ ތަފާތު އެކި ހާދިސާތަކުގައި 50 މީހުން މަރުވެ ގިނަ ބަޔަކުވަނީ ގެއްލިފަ އެވެ. ވިއްސާރައިގައި ވައި ގަދަވެ ވާރޭވެހުމުގެ ސަބަބުން ގިނަ އަދަދެއްގެ ދަނޑުބިންތަކުގައި ފެންބޮޑުވެ ދަނޑުގޮވާން ހަލާކުވެ ބިޔަ ގަސްތައްވަނީ ވެއްޓިފަ އެވެ.
އަފްޣާނިސްތާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވެފައިވަނީ އިއްޔެ ކުރި ވިއްސާރައިގައި 2،000 ގެއެއް ބިމާހަމަވެ 4،000 ގެއެއް ބޭނުންނުކުރެވޭ ވަަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ޖަނަވާރުތައްވެސް ފެންބޮޑުވުމުގެ ހާދިސާގައި މަރުވެފައިވާކަމަށް އޭނާ ވިދާޅުވެފައި ވެއެވެެ.
އދ އިން ބުނާގޮތުގައި އަފްޣާނިސްތާނުގެ ގޯރް ޕްރޮވިންސްގެ އިތުރުން،ބަދަކްޝާން، ބަޣްލާން އަދި ހެރާތު އަށް ދަނީ ވާރޭވެހެމުންނެވެ. މިވިއްސާރައިގައި މިހުރިހާ އަވަށްތަކުން މަރުވީ މީހުންގެ އަދަދު 350އަށް އަރާކަމަށް އދ އިން ބުނެފައި ވެއެވެ. އަދި ވިއްސާރައިގައި ހާލުގައި ޖެހިގެން އެއްތައް ހާސް ބަޔަކު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.



