ޑިމޮކްރެޓިކް އުސޫލުން ރައްޔިތުން ނިންމި ނިންމުން ބަލައިގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްއާރުސީއެމުން ސޯޝަލް މީޑިއާގައި ރޭގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި، ޑިމޮކްރެޓިކް އުސޫލުން ރައްޔިތުން ބައިވެރިވެ ނިންމި ނިންމުން ބަލައިގަތުމަށް އިލްތިމާސްކޮށްފައެވެ.
އިންތިހާބުގެ ނަތީޖާއަށް އިހްތިރާމްކޮށް ދެބަސްވުންއޮތް ކަމެއްގައިވެސް އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް ޤާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ހައްލުތައް ހޯދުމަށްވެސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،876 މީހުންނަށް ލިބިގެންވެއެވެ. މިއަދު ކުރިއަށްދިޔަ އިންތިޚާބުގައި 3 ވޯޓެއް ނަގާފައިވެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ތަސްދީގު ކުރުމާ ގުޅޭގޮތުން ނަގާ ވޯޓެކެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،961 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އެއީ ކައުންސިލްގެ މަގާމަށް ކުރިމަތިލެއްވި 1،368 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ 1،593 ކެންޑިޑޭޓުންނެވެ. މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.




