އިއްޔެ ބޭއްވި ވާދަވެރި ތިން އިންތިހާބުގެ ނަތީޖާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަލައިގެންނެވުމުން ދައްކުވައިދީފައިވަނީ، އެމަނިކުފާނު ރައްޔިތުންނަށް ކުރާ އިހުތިރާމާއި ލޯބި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އިއްޔެ ހެނދުނު 8:00 އިން ހަވީރު 5:00 އަށް ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ބޭއްވި އިންތިހާބުން ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ އިދިކޮޅު އެމްޑީޕީ އަށެވެ.
އެގޮތުން މާލެ ހިމެނޭހެން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރުމާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަކަމަށް ގިނަ ބަޔަކު ވޯޓު ދިނުން ހިމެނެއެވެ.
އިއްޔެގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާނު ކުރުމުން ރައީސް މުޢިއްޒު ވަނީ، ނަތީޖާ އިހުތިރާމާއެކު ބަލައިގަންނަ ކަމަށާއި އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ސަރުކާރު ތެރެއިން ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ރޭގައި ”އެކްސް“ މެދުވެރިކޮށް ވިދާޅުވިއެވެ.
ރައީސް އެހެން ވިދާޅުވުމުން، ޝުޖާއު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސަކީ ރައްޔިތުންގެ އަޑު ގާތުން އައްސަވާ، ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ލޯބިކުރައްވާ ވެރިއެއް ކަމަށާއި އެކަން އަމަލުން ވެސް ދައްކަވަމުން ގެންދަވާ ވެރިއެއް ކަމަށެވެ.
”ރައީސަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ފަރިތަ ޑިމޮކްރަސީއަށް ލޯބިކުރައްވާ ވެރިއެއް. މިނިޒާމުގައި ރައީސް ތިޔަ ދައްކުވައި ދެއްވީ ރައްޔިތުންގެ ނިންމުމަށް ވެރިޔަކު އިޚްތިރާމް ކުރައްވާ މިންވަރު. އެއީ މާތް ސިފައެއް. އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި ކުރިން މަސައްކަތް ކުރި ވެރިމީހާއަށް އެންމެ އުނދަގޫވެފައި އޮންނަނީ ރައްޔިތުންގެ ނިންމުމަށް އިޚްތިރާމް ކުރުމަށް. އޭގެ ބަދަލުގައި އެބޭފުޅާ އަންނަނީ ރައްޔިތުންދެކެ ރުޅި. ދައްކަވަނީ ފުސް މޫނު.“ ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން ޝުޖާއު ވިދާޅުވީ، ނަމަވެސް ރައީސް މުޢިއްޒު ދެއްކެވި ރިވެތި ނަމޫނާއިން އެމަނިކުފާނު ރައްޔިތުންނަށް ކުރާ އިހުތިރާމާއި ލޯބި ދައްކުވައި ދެއްވައިފި ކަމަށެވެ.
ރައްޔިތުންގެ ފަޅީގައި ރައީސް ކުރައްވާ އިޚްލާސްތެރި މަސައްކަތްޕުޅަށް ކާމިޔާބު ލިބުމަށް އެދިލައްވަމުން ޝުޖާއު ވިދާޅުވީ އޭނާ ވާނީ ރައީސްގެ ސިޔާސަތައް ފުރިހަމައަށް ތާއީދުކުރާ ބޭފުޅަކަށް ކަމަށެވެ.



