އާރްޓީއެލް ފެރީގެ ޚިދުމަތުން މުޅި ރާއްޖެއަށް ގުޅާލުމުގެ މަސައްކަތް މިއަހަރުގެ ޖޫން މަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފިއެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތް މިހާތަނަށް 15 އަތޮޅެއްގައި ވަނީ ފަށާފައެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ޔާސިރު ވިދާޅުވީ އާރްޓީއެލް ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކުގައި ފެށުމަށްޓަކައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން ޒޯން 3ގައި ހިމެނޭ 4 އަތޮޅުގައި ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށާއި މިމަހުގެ ތެރޭގައި މ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު އާރްޓީއެލް ނުފަށާ އޮތް ކ، އދ، އއ، ވ، އަތޮޅުގައި މި ޚިދުމަތް ފެށުމުން މުޅި ރާއްޖެ ގުޅާލެވޭނެކަމަށާއި އެކަމަށް ބޭނުންވާ ފެރީތައް ބަނުމުގެ މަސައްކަތާއި ރޫޓް މެޕްތަކާއި ޝެޑިއުލްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ޔާސިރު ވިދާޅުވީ ޖޫން މަހުގެ ތެރޭގައި މުޅި ރާއްޖޭގައި އާރްޓީއެލް ފެރީގެ ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
”ފެރީތައް ބަނުމުގައި ލަސްކަމެއް އައިސްފައިވޭ. ވަރަށް ގިނަ ރޯމެޓީރިއަލްސް ގެންނަން މި ޖެހެނީ މެދުއިރުމަތީ ޤައުމުތަކުން. ދަތުރުފަތުގެ މިއައި ލޮޅުމުގެ ސަބަބުން ބައެއް ތަކެތި ލިބުމުގައި ދަތިތަކެއް އެބަހުރި. ޝެޑިއުލިން ފަހަތަށް ޖެހުމުގެ ފުރުޞަތު އެބައޮތް. ކޮންޓްރެކްޓަރާ ވަހާކަދައްކައިގެން އަވަސްކުރުމަށް މި ދަނީ މަސައްކަތް ކުރަމުން“ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ޔާސިރު ވިދާޅުވިއެވެ.



