ތަފާތު ކުރުމެއްނެތި ކައުންސިލުތަކާއެކު ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ލޯކަލް ކައުންސިލާއި ސިޓީތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އިއްޔެ ހެނދުނު 8:00 އިން ހަވީރު 5:00 އަށް ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ބޭއްވި އިންތިހާބުން ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ އިދިކޮޅު އެމްޑީޕީ އަށެވެ.
އެގޮތުން މާލެ ހިމެނޭހެން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރުމާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަކަމަށް ގިނަ ބަޔަކު ވޯޓު ދިނުން ހިމެނެއެވެ.
އިންތިހާބުގެ ނަތީޖާއާ ގުޅިގެން ސިޓީތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފު މިއަދު ވަނީ، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިޔާބު ކުރި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ.
”އަލަށް އިންތިޚާބު ކުރެވޭ ކައުންސިލްތަކާއި
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާނެކަމަށް އުންމީދު ކުރަން. އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން. އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބިގެންދާނެ.“ މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.
އިއްޔެގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާނު ކުރުމުން ރައީސް މުޢިއްޒު ވަނީ، ނަތީޖާ އިހުތިރާމާއެކު ބަލައިގަންނަ ކަމަށާއި އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ސަރުކާރު ތެރެއިން ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ރޭގައި ”އެކްސް“ މެދުވެރިކޮށް ވިދާޅުވިއެވެ.




