ގޮނޑިއެއް ކާމިޔާބު ނުވިނަމަވެސް، އެތައް ބައެއްގެ ލޯތްބާއި އިތުބާރު ހާސިލުވެއްޖެ ކަމަށް މާލެސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރި އާޝިޔަތު އަލައިކާ އަދުނާން ރޭގައި ބުނެފިއެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލަން އާންމުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި، އަލައިކާ ވާދަކުރި ގޮނޑި ވަނީ ކާމިޔާބު ނުވެފައެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އަލައިކާ ބުނީ، އިއްޔެގެ އިންތިހާބުގައި އޭނާއަށް ގޮނޑިއެއް ކާމިޔާބު ނުވިނަމަވެސް ކެންޑެންސީގެ އެ ދަތުރު އޭނާ ނިންމާލާފައިވަނީ އެތައް ބައެއް ލޯތްބާއި އިތުބާރު ހާސިލު ކޮށްގެން ކަމަށެވެ. އަދި އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި ފަޚުރުވެރިކަމާއެކު އެ ކާމިޔާބީ އޭނާ ބަލައިގަންނަ ކަމަށް އަލައިކާ ބުނެފައިވެއެވެ.
މީގެއިތުރުން އަލައިކާ ބުނީ، މިއީ އެއްވެސް އިރަކު ވަކި މަގާމެއް ހާސިލުކުރުމުގެ ނިޔަތުގައި އޭނާ ފެށި ދަތުރެއް ނޫން ކަމަށާއި މިއީ އެތައް ބަޔަކަށް ލިބެންޖެހޭ ހައްގުތަކެއް ހޯދައިދިނުމަށް އޭނާ އުފުލި އަޑުތަކެއް ކަމަށެވެ.
”އަޅުގަނޑުގެ މުޅި މި ސިޔާސީ ދަތުރުގައި، ދެކޮޅުވެރިކަމާއި މަކަރާ ވަނީ ކުރިމަތިވެފަ. އަދި އަޅުގަނޑާއި އަޅުގަނޑުގެ ނިޔަތާމެދުވެސް ވަނީ އެތައް ތުހުމަތުތަކެއް ކޮށްފަ. އެހުރިހާ ކަމަކާއެކު ވެސް އަޅުގަނޑު މަސައްކަތްކުރީ އަޅުގަނޑު ގަބޫލުކުރާ އުސޫލުތަކާއެކު ކުރިއަށް ދިޔުމަށް“ އަލައިކާ ބުނެފައިވެއެވެ.
ނިންމާލަމުން އަލައިކާ ބުނެފައިވަނީ، މިއީ އޭނާގެ ސިޔާސީ ދަތުރުގެ ނިމުމެއް ނޫން ކަމަށާއި މިއީ މިސްރާބު ބަދަލުވުން ކަމަށެވެ. އަދި އާ އަޒުމަކާ އިތުރު ހިތްވަރާއެކު ހައްގަށް މަސައްކަތް ކުރުމުގައި ދެމިހުންނާނެ ކަމަށް ވެސް އަލައިކާ ބުންޏެވެ.



