ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، 6 އޭޕްރީލް ވާ ހޯމަދުވަހު (މާދަމާ) ސައުދީ އަރަބިއާއަށް ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން މިކަން މިއަދު އިއުލާނު ކުރައްވަމުން ވިދާޅުވީ، މިއީ މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ހަމަޖައްސަވާފައިވާ ދަތުރުފުޅެއް ކަމަށެވެ.
ރައީސްގެ ދެކަނބަލުން ފުރާވަޑައިގަންނަވާ ޢުމްރާގެ މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސައުދީ ސަރުކާރުން ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ސައުދީ ސަރުކާރުގެ މެހެމާންދާރީގައި ރައީސްގެ ދެކަނބަލުން ވަނީ މިދިޔަ އަހަރުގެ މެއި މަހުގައި ވެސް ޢުމްރާއަށް ވަޑައިގެންފައެވެ.
އެ ދަތުރުފުޅުގައި ރައީސް ގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އާއި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޟްގެ އިތުރުން ރައީސް އޮފީހުގެ 2 މިނިސްޓަރުން ކަމުގައިވާ އަލީ އާރިފްއާއި އަބްދުﷲ ނަސީރު ވެސް ބައިވެރިވަޑައިގެންނެވިއެވެ.



