މި މަހުގެ 4 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ބ. ކެންދޫ ކައުންސިލްގެ ތިން ގޮނޑި އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ތިން ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފިއެވެ.
ކެންދޫ ކައުންސިލް ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އަހްމަދު ސާން އެވެ. ސާން ވަނީ 454 ވޯޓް ހޯދާފަ އެވެ. އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާނަށް ލިބުނީ 360 ވޯޓެވެ.
އެ ކައުންސިލްގެ އަންހެން މެންބަރު ކަމުގެ ގޮނޑި ހޯދީ ކޮންގްރެސްގެ ކެންޑިޑޭޓް ނައިލާ ނިޒާރެވެ. ނައިލާ ވަނީ 444 ވޯޓް ހޯދާފައެވެ. ނައިލާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ލިއުޝާއަށް ލިބުނީ 342 ވޯޓެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަޤާމަށް އިންތިހާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް ނަޒީރާ އަހްމަދު އެވެ. އޭނާ ވަނީ 329 ވޯޓް ހޯދާފަ އެވެ. ނަޒީރާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިފާއަށް ލިބިފައިވަނީ 265 ވޯޓެވެ.
މީގެއިތުރުން އަންހެނުންގެ ކޮމެޓީގެ މެންބަރު ކަމުގެ ދެ މަގާމު ވެސް ލިބުނީ ކޮންގްރެސްގެ ކެންޑިޑޭޓުންނަށެވެ. އެގޮތުން ކޮންގްރެސްގެ ކެންޑިޑޭޓް ގަމަރިއްޔާ އަބޫބަކުރާއި ނަޒީރާ އަލީ ވެސް ވަނީ އިންތިހާބު ކާމިޔާބު ކޮށްފައެވެ.



