އދ. މާމިގިލީ ކައުންސިލުން ފުރަތަމަ ފަހަރަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެޖޯރިޓީ ގެއްލި، ސަރުކާރު ހިންގާ ޕީއެންސީއަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ރަށް ކަމަށްވާ މާމިގިލީ ކައުންސިލުގެ މެޖޯރިޓީ އަބަދު ވެސް އޮންނަނީ އޭނާގެ ޕާޓީ ޖޭޕީ އަށެވެ.
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ކައުންސިލާއި އަންހެނުންގެ ކޮމިޓީ ހިމަނައިގެން ވެސް ޖޭޕީއަށް ލިބިފައިވަނީ އެންމެ ހަތަރު ގޮނޑިއެވެ. ދެން ހުރި ގިނަ ގޮނޑިތައް ހޯދާފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޖޭޕީއަށް ލިބުނީ ކައުންސިލްގެ ރައީސްގެ ގޮނޑި އާއި މެންބަރުކަމުގެ އެއް ގޮނޑިއެވެ.
ކައުންސިލުގެ ބާކީ ތިން ގޮނޑީގެ ތެރެއިން ޕީއެންސީއަށް ދެ ގޮނޑި ލިބުނުއިރު، ދެން އިން ގޮނޑި ލިބުނީ އިދިކޮޅު އެމްޑީޕީއަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ވެސް ޖޭޕީއަށް ދެ ގޮނޑި ލިބުނުއިރު، އަންހެނުންގެ ކޮމިޓީގެ ރައީސްގެ ގޮނޑި ހިމެނޭހެން ބާކީ ތިން ގޮނޑި ލިބުނީ ޕީއެންސީއަށެވެ.
ކައުންސިލުގެ ރައީސްގެ ގޮނޑި ޖޭޕީއަށް ލިބުނީ ކުޑަ ތަފާތަކުންނެވެ. އެންމެ ގާތުން ވާދަކުރީ ސަރުކާރު ހިންގާ ޕީއެންސީ އެވެ.



