ނިމިދިޔަ 15 އަހަރު އިދިކޮޅު އެމްޑީޕީން ރަސްކަންކުރި އއ. މާޅޮހުން އެ ޕާޓީއަށް ބޮޑުކޮށް ނޫނެކޭ ބުނެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަސް ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ދީފިއެެވެ.
އެގޮތުން ކައުންސިލް އިންތިހާބުގެ ދެ ގޮނޑި ލިބުނީ ޕީއެންސީ އަށެވެ.
މާޅޮހު ކައުންސިލްގެ ރައީސަކަށް އިންތިހާބުވީ ސަރުކާރު ހިންގާ ކޮންގްރެސްގެ ކެންޑިޑޭޓް އަހްމަދު ރާޝިދު އެވެ. އޭނާއަށް ލިބުނީ 238 ވޯޓެވެ. އެެމްޑީޕީގެ ކެންޑިޑޭޓް ސަލީމްއަށް ލިބުނީ 230 ވޯޓެވެ.
ކައުންސިލްގެ މެންބަރު ކަމަށް އިންތިހާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އިބްރާހިމް ނަޔާޒްއެވެ. ނަޔާޒްއަށް 244 ވޯޓް ލިބިފައިވެއެވެ.
މީގެ އިތުރުން މާޅޮހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ތިން ގޮނޑި ވެސް ކޮންގްރެސްގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކޮށްފަ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ އަކަށް އިންތިޚާބުވީ މަރިޔަމް އިހްސާނާ އެވެ. މެންބަރު ކަމުގެ އަނެއް ދެ މަޤާމަށް އިންތިޚާބުވީ ޙައްވާ ސަމާ އާއި އައިމިނަތު ޝަޒީމާ އެވެ.
އިހްސާނާ ވަނީ 235 ވޯޓް ހޯދާފަ އެވެ. ޙައްވާ ސަމާއަށް 245 ވޯޓް ލިބުނެވެ. އަދި ޝަޒީމާ އަށް ވަނީ 236 ވޯޓް ލިބިފައެވެ.


