މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގުގެ މިހާރު ތަރައްޤީކުރަމުންދާ ސަރަހައްދުގެ އެއްގަމުތޮށި ހަދަން، 143 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލްކޮށް ނިމިއްޖެއެވެ.
މިމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްގެންދަނީ ފޭސް 1 ގައި ހިމެނޭ 4 ސެގެމެންޓްގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން ތަރައްޤީކުރަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަހައްދެކެވެ.
އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މި ސަރަހައްދުވެސް ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށެވެ. މަގުގެ މި ސަރަހައްދުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފަވަނީ، ނިމުނު ދެ ސެގްމެންޓުވެސް ކުރިޔަށްގެންދިޔަ ފަރުމާއަށެވެ.
އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޝީޓް ޕައިލް ކުރުމުގެ މަސައްކަތާއި، ސައިޑް ވޯކް ޖެހުމުގެ މަސައްކަތްވެސް ކުރިއަށް ދާއިރު މިހާތަނަށް 143 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ނިމިފައިވަނީ ޝީޓް ޕައިލްކުރުމުގެ ފުރަތަމަ ކޮމްޕޯނަންޓުގެ މަސައްކަތްކަމަށް އެމްޓީސީސީއިން ބުންޏެވެ.




