އަމާޒަކީ ރާއްޖެއަށް އެތެރެކުރެވޭ ބޭހަކީ ކޮލިޓީ ރަނގަޅު ބޭސްކަން ކަށަވަރުކުރުންކަމަށް ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ބޭހާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ބޭސް އެތެރެކޮށް އެކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދާފައެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝާހް ވިދާޅުވީ، އެ ކުންފުނި އުފެދުނު ފަހުން މަސައްކަތްތައް ފަށައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.
އެގޮތުން ކުންފުނީގެ އޮފީސް ނިންމާ މުވައްޒަފުން ނެގުމާއި ބޭސް ރައްކާކުރުމަށް ހާއްސަ ގުދަން ހެދި އެމްއެފްޑީއޭގެ މިންގަނޑުތަކަށް ފެތޭގޮތައް މަސައްކަތްތައް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކުންފުނީގެ ޕޮލިސީތަކާއި މަސައްކަތް ކުރާނެ އެސްއޯޕީތައް ނިންމުމާއި، ތަފާތު އެކި ސްޓޭކް ހޯލަޑަރުންނާއެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ޑޮކްޓަރުންނާއި އަދި ކަމާއި ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް، ބޭނުންވާ ބޭސްތައް ދެނެގަނެ އެބޭސްތައް ރާއްޖޭގައި ލިބޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުންދާކަ މަށެވެ. އެގޮތުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއެކު މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި ކުރެވުނު މަސައްކަތަށް ބަލާއިރު ކޮލިޓީ ބޭސް ހޯދުމުގެ މަސައްކަތްތައް ފެށިފައިވާކަމަށް ޝާހު ވިދާޅުވިއެވެ.
”ކޮލިޓީ މެއިންޓެއިން ކުރެވެނީ ވަރަށް ގިނަ ކަންތައްތަކަށް ބަލާފައި. ދެން އެމްއެފްޑީއޭއާއެކުވެސް ގިނަ މަސައްކަތްތައް އެބަކުރެވޭ. އެއީ ރާއްޖެއަށް ދިމާވާ އެއް މައްސަލައަކީ ރާއްޖެ ކުޑަ ޤައުމަކަށްވެފައި ރާއްޖެއަށް ގެންނަން ޖެހޭ ބޭހުގެ ކުއަންޓިޓީ އަދަދު މަދުވޭ. ހާއްސަކޮށް ރާއްޖެއަށް ފޮނުވާކަށް ބޭހެއް އުފައްދާފައިއެއް ނުއެއް ހުރޭ. އެހެންވީމައި ގަންނަން މިޖެހެނީ އެހެން ޤައުމުތަކަށް ބޭނުންކުރުމަށް އުފައްދާފައި ހުންނަ ބޭހުގެ ތެރެއިން ކުއެންޓިޓީއެއް މި ގެންނަނީ. ގެންނައިރުވެސް އެ ބޭނުންވާ ސެޓްފިކެޓްތަކާއި ލިބުމުގެ ދަތިކަން އެބަހުރޭ“ ޝާހު މާހިރު ވިދާޅުވިއެވެ.




