ކާބޯތަކެތީގެ ޚިދުމަތް ދެއްވުމުގައި 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ، އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ދަންނަވައިފިއެވެ.
އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީޓްރަލް އަޙްމަދުބެ އަވަހާރަވުމުގެ ހިތާމާގައި އެ ޢާއިލާއަށް އަދި މައްޗަންގޮޅީގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަަމަށެވެ.
ޕީޓްރަލް އަޙުމަދުބެ އަކީ ހިތްޕުޅު ހެޔޮ، ޚުލްޤު ރަނގަޅު ބޭފުޅެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އޭނާއަކީ ހީވާގިކަމާއި އިޖުތިމާޢީ ޚިދުމަތުގައިވެސް ތަޖުރިބާކާރު ނަމޫނާ ޝަޚްސިއްޔަތެއް ކަމުގައިވެސް ވިދާޅުވިއެވެ.
”މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި. ކުޅިވަރުގެ ދާއިރާއިން ކްލަބް ލެގޫންސާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބޮޑެތި އެހީތަކެއް ވެދެއްވި. ލޮނުމަސް އެޅުންފަދަ ދިވެހި އުފެއްދުންތަކުގެ މަސައްކަތް ހަތްދިހައިގެ އަހަރުތަކުން ފެށިގެން ކުރެއްވި. މާލެއަށް މަޝްހޫރުވި ގުރާބުތުނޑި ހޮޓަލަށް ފަހު، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ހޮޓެލް ޕީޓްރަލް އުފެއްދެވި. އަދި ކޭޓަރިންގ ދާއިރާގައި، ޚާއްޞަކޮށް ސަރުކާރުގެ ބޮޑެތި ބައެއް އިދާރާތަކަށް ދިގު މުއްދަތެއްގައި ކެއިންބުއިމުގެ ޚިދުމަތް ދެއްވި.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މާތް ﷲ ގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް އަޙްމަދު އާދަމް ލެހެއްޓެވުން. އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ



