ރާއްޖެއަށް ގެންނަ ގޭހުގެ އަގުބޮޑުވާން ފުރުސަތެއް ނުދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ، މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ހަމަނުޖެހުމާ ގުޅިގެން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ރައްޔިތުންގެ އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ޚާއްސަ ކޮމިޓީން، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ވިލާ ގޭހުގެ އަގު މިހާރު ބޮޑުކޮށްފައިވުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ވިލާ ގޭހުގެ އަގަށް ބަދަލެއް އައިސްފައިވާކަން ނޫސްތަކުން އެނގުމާއެކު އެ ފަރާތާ ގުޅައިގެން އެކަމުގެ މައުލޫމާތު އޮޅުންފިލުވި ކަމަށާއި އެކަމާ ގުޅިގެން އެސްޓީއޯ އަދި ވިލާ ގޭސްއާއެކު ވެސް މަޝްވަރާތަކެއް ކޮށްފައިވާނެ ކަމަށެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ، ތެލާއި ހިލާފަށް ގޭހުގެ (އެލްޕީޖީގެ) އަގު ކަނޑައެޅުމުގައި އޮންނަ ”ވިންޑޯ“ ދިގުލައިގެންދާ ކަމަށެވެ.
”އެލްޕީޖީ ފަހުން ކަނޑައެޅިއިރުގައި، މި އޭޕްރިލް މަހު ބައިނަލްއަގުވާމީ ބާޒާރުގައި ވަނީ އަގުބޮޑުވެފަ. އެހެންވެ، އަޅުގަނޑުމެން އެސްޓީއޯއާއި ވިލާއާއެކު މަޝްވަރާތައް ފެށީ. އަޅުގަނޑުމެން ބަލަނީ މިގޮތަށް އަންނަ އެއްވެސް އަގުބޮޑުވުމަކުން ރައްޔިތުންނަށް، ނުވަތަ ވިޔަފާރިވެރިންނަށް ނުވަތަ އިޤްތިޞާދަށް ގެއްލުމެއް ނާންނާނެ ގޮތަކަށް ކަންތައް ކުރެވޭތޯ“ އިކޮނޮމިކް މިނިޒްސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ، ގޭހުގެ އަގު ބޮޑުވާން ފުރުސަތު ނުދެއްވާނެ ކަމަށެވެ.



