ބަންކަރިން ޚިދުމަތުން މިހާތަނަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތާ ގުޅިގެން ސަރުކާރަށް ފަޑުކިޔުންތައް އަމާޒުވިނަމަވެސް އެ ހިދުމަތުން ބޮޑު އާމްދަނީއެއް ދައުލަތަށް ލިބެމުންދާ ކަމަށެވެ.
އެގޮތުން، އެ ހިދުމަތް ފެށިގެން މިހާތަނަށް 730 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބަންކަރިން ހިދުމަތަކީ ރާއްޖޭގެ އިގްތިޞާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ފަށާފައިވާ މަސައްކަތެކެވެ.
އެގޮތުން 2024 ވަނަ އަހަރު ސެޕްޓެމްބަރު މަހު ފެށި މި ހިދުމަތަކީ އޮފްޝޯކޮށް އެކަމަށް ޚާއްސަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށް ދޭ ޚިދުމަތެކެވެ. މި ޚިދުމަތް ފެށިފަހުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެ، ލިބޭ ޖުމްލަ އާމްދަނީ އަންނަނީ އިތުރުވަމުންނެވެ.
ބަންކަރިންގެ ޚިދުމަތުން މަހުން މަހަށް ލިބޭ އާމްދަނީވެސް އަންނަނީ އިތުރުވަމުންނެވެ. ބަންކަރިން ޚިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފަރ އޮއިލްއިނެވެ.
ބަންކަރިން ޚިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަޤްވާމީ ގޮތުން މިޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ.




