ކުދި އަދި މެދު ފަންތީގެ ފިޔަފާރިތަކުން ބިދޭސީން ގެނައުމުގެ ކޯޓާއަށް ދިން ލުޔާއެކު، 30،000 އަށްވުރެ ގިނަ ވިޔަފާރިއަށް ކޯޓާ ފީގެ ލުއި ލިބޭނެކަމަށް، ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ގެންނަ ބިދޭސީންގެ ކޯޓާފީ، 20 ކޯޓާ އާ ހަމައަށް ދައްކަން ނުޖެހޭ ގޮތަށް ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނައީ މިހިނގާ އޭޕްރިލް މަހުގެ 1ވަނަ ދުވަހުއެވެ.
މި އިސްލާހުގައިވާ ގޮތަށް މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، މިލުއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބޭނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ބަދަލަކީ މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއިއެކު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށާއި، ރާއްޖޭގެ ކުދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅުތައް ތަންފީޒު ކުރަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ގެނެވިފައިވާ ބަދަލެކެވެ.
ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީއެއްގެ ގޮތުގައި ކޯޓާއަކަށް އަހަރަކަށް 2000 ރުފިޔާ ދައްކަންޖެހެއެވެ. މި ގެނެވުނު ބަދަލާއެކު ގާތްގަނޑަކަށް 30 ހާހަށްވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށް މި ލުއި ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.




