މިދުވަސްކޮޅު ރާއްޖޭގެ މަސްވެރިކަން ދަށްވުމުގެ ސަބަބުން ތެޔޮ މަސްދަޅު ވިއްކާ އަދަދު މިފްކޯއިން ލިމިޓްކޮށްފިއެވެ.
އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސްގެ ސީނިއާ މެނޭޖަރު ޝިފްޒާ މުސްތަފާ މިއަދު ވިދާޅުވީ، ތެޔޮ މަސްދަޅު ކޭސް ވިއްކާ އަދަދު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކޮންޓްރޯލްކުރީ މަސްވެރިކަން ދަށްވުމާ ގުޅިގެން ކަމަށާއި ނަމަވެސް، މިފްކޯގެ އެހެން އުފެއްދުންތައް ކޮންޓްރޯލެއް ނެތި ލިބޭނެ ކަމަށެވެ.
ޝިފްޒާ ވިދާޅުވީ ސްޓޮކް ލިބެންދެން ކޮންމެ މީހަކަށް ލިބޭނީ 24 އަދި 48 ދަޅުގެ އެއް ކޭސް ކަމަށެވެ.
”ސްޓޮކް ހަމަޖެހެންދެން ކޮންޓްރޯލްކޮށްގެން ވިއްކުމުގެ މަގުސަދަކީ ރައްޔިތުންނަށް މިފްކޯގެ އަގުގައި ތެޔޮ މަސްދަޅު ލިބުން މެދުކެނޑުނަ ނުދިނުން.“ ޝިފާޒް ވިދާޅުވިއެވެ.
ތެޔޮ މަސްދަޅު ކޭސް ވިއްކާ އަދަދު ލިމިޓް ކުރިއިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން، މިފްކޯއިން ތެޔޮ މަސްދަޅު ވިއްކާ އަގު ދާދިފަހުން ބޮޑުކުރިއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު މިފްކޯއިން ވަނީ އެ ނިންމުން ބަދަލުކޮށް، ކުރީގެ އަގަށް އަލުން އަގު ބަދަލުކޮށްފައެވެ.




