މާލޭގެ މަގުތަކުގައި ނަން ބޯޑު ހަރުކުރުމަށް މިހާރު ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ކުށްބަސް ހުރި ނަންބޯޑުތަކެއް ހަރުކުރުމަށްފަހު ނަގައިފިއެވެ.
މަގުމަތީގައި ހަރުކޮށްފައި ހުރި، ކުށްބަސް ހިމެނޭ ނަން ބޯޑުތަކެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އެގޮތުން ”ލޮނުޒިޔާރަތް“ މަގުގެ ނަން ބޯޑުގައި ލިޔެފައި އޮތީ ”ލޮނުޒިޔާރައިމަގު“ގެ ގޮތުގައެވެ. އަދި ”މާފަތްތަކުރުފާނު“ މަގުގެ ނަން އޮތީ ”މާފައިތަކުރުފާނުމަގު“ ގެ ގޮތުގައެވެ.
ސިޓީ ކައުންސިލުން ބުނީ، ނަންބޯޑުތަކުގައި ކުށް ހުރިކަން ފާހަގަވުމާއެކު މިހާރު އެ ބޯޑުތައް ނަގާފައިވާ ކަމަށެވެ.
ނަމަވެސް މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސިޓީ ކައުންސިލަށް ވަނީ އަމާޒުވެފައެވެ.
މީގެކުރިން ސިޓީ ކައުންސިލުން ބުނި ގޮތުގައި، މާލެއާއި ވިލިމާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމަކީ، މެއި، 2021ގައި ކައުންސިލުން ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 3.14 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަމެކެވެ.



