އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕަރސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރުމަށާއި އޭނާގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ ޕެޓިޝަންގައި އެ ޕާޓީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލާއި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވެސް ސޮއި ކުރައްވާފައިވާކަން ހާމަވެއްޖެއެވެ.
ގަޕޯގެ އިތުބާރު ނެތްކަމަށް ބުނެ، 55 މެންބަރުންގެ ސޮޔާއެކު މިއަދު ވަނީ އެ ޕާޓީގެ ޤައުމީ މަޖިލީހަށް ހުށަހަޅާފައެވެ.
ސޮއިކުރި މެންބަރުންގެ ލިސްޓު މިހާރު އާންމުކޮށްފައިވާއިރު، އޭގައި ފައްޔާޒުގެ ނަމާއި، މާރިޔާ އަދި ރޮޒައިނާ ވެސް ހިމެނޭކަން ފާހަގަވެއެވެ.

ގަޕޯ އެ މަގާމަށް އައްޔަނު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8ވަނަ ދުވަހުގައެވެ.

ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ގަޕޯގެ މައްޗަށް އިތުބާރުނެތް ކަމުގެ ޕެޓިޝަނެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފައި މިވަނީ، ހޮނިހިރު ދުވަހު ބޭއްވި ކައުންސިލު އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ހޯމަ ދުވަހުގެރޭ ބޭއްވި ”ހޭވައްލާ ތައްޔާރު“ ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދެއްވައިފައި ނުވާތީ، އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ޖަލްސާ ބޯއިކޮޓް ކުރައްވާފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުއަށް ފުރުސަތު ނުދިނުމުން އިދިކޮޅު ސިޔާސީ މައި ޕާޓީގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެ، މެންބަރުންގެ މެދުގައި ދެބަސްވުންތަކެއް އުފެދިފައެވެ. އަދި އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން މަގާމުތަކުން ވަކިކުރަމުންދާކަން ވެސް ފާހަގަވެއެވެ.

އެގޮތުން އިއްޔެ އެމްޑީޕީން ވަނީ ކުއްލި ގޮތަކަށް، އެ ޕާޓީގެ ލީގަލް ޑައިރެކްޓަރު އަޙްމަދު މަޢުރޫފާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) މަގާމުން ވަކި ކޮށްފައެވެ.




