ގއ. ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް، މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ، މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި ”އުދަރެސް“ ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، ރޭ ދަންވަރު 01:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތެރެއިން އެކަކު (ބިދޭސީ އެއް) ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ.
ސަލާމަތްކުރެވިފައިވާ ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅެވެ.
ނަމަވެސް މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ގެއްލިފައިވަނީ އުމުރުން ދުވަސްވީ މީހެކެވެ.
މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.




