ފީއަލީ ކައިރީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގާފައިވާ އަލިފާނުގެ ހާދިސާގައި، އެ ސަރަހައްދުގައި ހުރި އައިސް ޕްލާޓެއްގައިވެސަ އަލިފާން ހިފުމުގެ އިތުރުން ހަތަރު އުޅަނދަކަށް ވެސް އެކިވަރުގެ ގެއްލުންވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 09:15 ހާއިރު، ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެއިރުކޮޅެއް ކުރިން ފުލުހުން މައުލޫމާތު ދެމުން ބުނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި އަލިފާނުގެ ހާދިސާގައި ތެޔޮ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް އެކިވަރުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓަށްވެސް އަލިފާނުގެ އަސަރުކޮށް، އެތަނުގައި އަލިފާން ހިފާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މި ހާދިސާގައި، އެތަނުގައި ހުރި ޕެޓްރޯލު ޝެޑެއްގައި ވެސް ވަނީ އަލީފާން ރޯވެފައެވެ. ނަމަވެސް މިކަން އަދި އެއްވެސް ރަސްމީ ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.




