ފ. ފީއަލީގެ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާންގަނޑު ފުލުހުންނާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ އަދި ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް މިއަދު 09:30 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަދި މިހާދިސާގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ވެސް ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ.
މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 10:35 ހާއިރުއެވެ.
މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން މިހާރު އަންނަނީ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ. ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ތިން ދޯންޏަކާއި އަދި ފީއަލީގެ އައިސްޕްލާންޓު ވަނީ އަނދާފައެވެ. މީގެއިތުރުން އެ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑެއްގައި ވެސް ވަނީ މި ހާދިސާގެ ސަބަބުން ރޯވެފައެވެ.



