ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އަދި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ އަށް މީހެއްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ފަސް އަހަރުފަހުން ކްރިމިނަލް ކޯޓުން ނިންމާލައިފިއެވެ.
ޖެނުއަރީ، 2021 ގައި ތިމަރަފުށިން ބަޔަކު ހައްޔަރުކޮށް، ދައުވާކުރަން ފޮނުވީ ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދީ އަދި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅިގެން ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވުމުގެ ތުހުމަތުގައެވެ.
އެ މައްސަލާގައި ދައުވާކުރަނީ:
° ތިމަރަފުށީ، ފެހިވިދުވަރުގޭ / އަބްދުﷲ ޝަރީފު
° ތިމަރަފުށީ، އަސްރަފީވިލާ / އަހުސަން މުހައްމަދު
° ތިމަރަފުށީ، އަސްރަފީވިލާ / އަލީ މުނީޒު
° ތިމަރަފުށީ، އަސުރުމާގޭ / މުހައްމަދު އާސިރު
° ތިމަރަފުށީ، ސައިމާ / ސަމާހް ޝަރީފު
° ރ. ކަނދޮޅުދޫ، ފެހިވިލާ / އަލީ އަރުހަމް މުހައްމަދު
° ރ. މަޑުއްވަރީ، ބީޗްހައުސް / އަބްދުﷲ އިމާދު
° ނ. ކުޑަފަރީ، ރޯޒްމީޑް / އިބްރާހިމް ލޫތު
މި އަށް މީހުންގެ މައްޗަށް ޓެރަރިޒަމްގެ އެކި ދައުވާތައް ދައުލަތުން ކުރީ ފެބްރުއަރީ، 2021 ގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން އިއްޔެ ނިންމާލާފައިވާތީ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. އަދި އަޑުއެހުންތައް ނިންމާލާތާ 30 ދުވަސް ތެރޭގައި ހުކުމްކުރަން ޖިނާއީ އިޖްރައާތުގެ ގާނޫނު ލާޒިމްކުރާތީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން ހުކުމް ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޓެރަރިޒަމްގެ ދައުވާތައް ސާބިތުވެއްޖެނަމަ، އެމީހުންގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމްތައް އައިސްފާނެކަމަށް ބެލެވެއެވެ.




