ފ. ފީއަލީ ކައިރީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ މިއަސު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި، އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓަށްވެސް އަލިފާނުގެ އަސަރުކޮށް އެ އައިސްޕްލާންޓުވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަަށް މިފްކޯއިން ބުނެފިއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 09:15 ހާއިރު، ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 10:35 ހާއިރުއެވެ.
މި ހާދިސާގައި، ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އޭނާއަށް އެރަށު ސިއްހީ މަރުކަޒުން އަންނަނީ ފަރުވާ ދެމުންނެވެ.
ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ތިން ދޯންޏަކާއި އަދި ފީއަލީގެ އައިސްޕްލާންޓު ވަނީ އަނދާފައެވެ. މީގެއިތުރުން އެ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑެއްގައި ވެސް ވަނީ މި ހާދިސާގެ ސަބަބުން ރޯވެފައެވެ.
ރޯވެގެން އަނދާފައިވާ އެ އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ ހުރީ 15 ވަރަކަށް ފޫޓެވެ.
އެއީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. އެ އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނައީ ޖޫން 2025 ގައި ފެނަކައިން މިފްކޯއާ ހަވާލުކުރުމުން 1 ސެޕްޓެމްބަރު 2025 ގައެވެ.




