ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރުވެސް ޙައްޖުވެރިން ފުރާނީ މައްކާރޫޓުގެ އިންތިޒާމުތަކުން ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ، މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން މިއަހަރު ވެސް ޙައްޖުވެރިން ފުރާނީ މައްކާރޫޓްގެ އިންތިޒާމްތަކުގެ ތެރެއިން ކަމަށެވެ.
މިކަމުގެ ތައްޔާރީތަކަށް ސައުދީ އަރަބިއްޔާއިން ވަޑައިގަންނަވާ އެޑްވާންސް ޓީމް އަންނަ ހަފްތާގައި ރާއްޖެ އަންނާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ޙައްޖަށް ރާއްޖެއިން މީހުން ފުރުމަށް މައްކާ ރޫޓް ދާއިމީ ކުރަން ސައުދީ ސަރުކާރާއި ރާއްޖެއިން ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.
ސައުދީ އަރަބިއާއަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ކުރެއްވި ރަސްމީ ދަތުރުގައި އެ ދުވަހު ވަނީ މައްކާ ރޫޓް އިނީޝިއޭޓްގެ ސުޕަވައިޒަރީ ކޮމެޓީއާއި ބައްދަލުކުރައްވާފައެވެ.
އެގޮތުން މައްކާ ރޫޓްގެ ދަށުން ޙައްޖުގެ ޚިދުމަތް ރާއްޖެއަށް ދާއިމީކޮށް ކުރިއަށް ގެންދަވަން ނިންމަވާފައިވާކަމަށް މައްކާރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީއިން އެދުވަހު ނިންމާފައެވެ.
މިދިޔަ އަހަރުގެ ހައްޖަކީ ރާއްޖެއަށް މައްކާ ރޫޓްގެ ތަޖުރިބާގެ ފުރަތަމަ ފަހަރު ކަމުން، އެކަމާމެދު ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒާއި ދިވެހި ސަރުކާރުގެ މުއައްސަސާތަކާއި އެއާޕޯޓާއި ކަަަސްޓަމްސްއާއި އިމިގްރޭޝާނާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއާއި އޭވިއޭޝަން ސެކިއުރިޓީއާއި ރައްޔިތުން ދެއްވި އެއްބާރުލެއްވުމާއި މުހިންމުކަން ސައުދީ ސަރުކާރުން ވަނީ ފާހަގަ ކޮށްފައެވެ.
އެ ބައްދަލުވުމުގައި އެކޮމިޓީގައި ހިމެނޭ ސައުދީގެ ހައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އޭވިއޭޝަނާއި އިމިގްރޭޝަނާއި ޑިފެންސް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ދާއިމީ ގޮތެއްގައި މައްކާރޫޓް ރާއްޖެއަށް ހަމަޖެހިގެން ދިއުމަކީ ހައްޖުގެ އަޅުކަމުގެ ދަތުރު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމެއް ކަމުގައި ސަރުކާރުން ވަނީ ފާހަގަ ކޮށްފައެވެ.
ހަމައެއާއެކު މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ދާއިމީކޮށްދެއްވާ، ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ހޯދައިދެއްވިކަމަށްޓަކައި މިނިސްޓަރު ވަނީ ރައީސް މުޢިއްޒުގެ ނަންފުޅުގައާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ސަޢުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.



