މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދުވެސް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ރޭ ދަންވަރު ރ .އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް ނެރުނެވެ. މި އެލާޓް ނެރެފައިވަނީ ހެނދުނު 6:30 އާއި ހަމައަށެވެ. މިއެލާޓްގެ ވަގުތު ހަމަވުމުން މިހާރު ވަނީ ށ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. ޔެލޯ އެލާޓް ނެރެފައިވަނީ 10:30 އާ ހަމަޔަށެވެ.
އެލާޓް ނެރެފައިވާ ވަގުތުތަކުގައި އެއަތޮޅުތަކަށް، ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި ވެއެވެ. އަދި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މިދުވަސްވަރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއިއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ. އަދި، ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި، ރާޅުތަކުގެ އުސްމިން 9-5 ފޫޓާއި ދެމެދަށް ހުންނާނެ ކަމަށް އެއިދާރާއިން ލަފާ ކޮށްފައި ވެއެވެ.
މޫސުން ގޯސްވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ހިސާބުތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތުމާއި އެކު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.



