ދުނިޔޭގެ މަޝްހޫރު ”އޯޝަންމޭން ގްލޯބަލް“ ފްރެންޗައިޒްގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ”އޯޝަންމޭން މޯލްޑިވްސް“އާ އެކު، ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އާ ބާބެއް ލިޔެވިއްޖެ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށްވާ ”ސްވިމް މޯލޑިވްސް“ އިން އިންތިޒާމު ކުރާ ”އޯޝަން މޭން މޯލްޑިވްސް“ އިފުތިތާހު ކޮށްދެއްވުމަށް ކ. މާފުއްޓަށް މިއަދު ވަޑައިގެން، މިނިސްޓަރު ވަނީ އެ ހަފުލާ ޝަރަފުވެރިކޮށް ދެއްވާފައެވެ.
އެ ރަސްމިއްޔާތަށްފަހު އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ރާފިއު ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގެ ކުޅިވަރު މުބާރާތްތައް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ދަށުން، އޯޝަން މޭން މޯލްޑިވްސްއަކީ އެ މަގަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެގޮތުން 40 ގައުމަކުން 500 އަށް ވުރެ ގިނަ ފެތުންތެރިން މި މުބާރާތުގައި ބައިވެރިވުމަކީ ކުޅިވަރުގެ ޗާޓުގައި ރާއްޖެ ކުރިއަރަމުންދާ ކަމުގެ ހެއްކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މިއީ ހަމައެކަނި ކުޅިވަރުގެ ހަރަކާތެއް ނޫން. މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަން، ހާއްސަކޮށް އަޅުގަނޑުމެންގެ ސާފު މޫދާއި ރަށްތަކުގެ ހިތްގައިމުކަން މުޅި ދުނިޔެ އަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއް،“ މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.




