އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި، އެ ޤައުމުގެ ރަސްމީ ހުއްދަ ވެސް ނުލިބުމުގެ ސަބަބުން، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސާލައިފިއެވެ.
މިދިޔަ އަހަރުގެ މެއި މަހު މޮރިޝަސް އާއެކު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، އެ ސަރަހައްދުގެ ކޮންޓްރޯލް މޮރިޝަސްއާ ހަވާލުކުރުމަށްފަހު، އަހަރަކު އެވްރެޖްކޮށް 101 މިލިއަން ޕައުންޑްގެ ކުއްޔަކަށް ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު އިނގިރޭސިވިލާތުން އަނބުރާ ކުއްޔަށް ހިފުމަށް އޮތީ ހަމަޖެހިފައެވެ.
ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން ބޭނުންވާ ގާނޫނުތައް ފާސްކުރުމަށް ވަގުތު ނެތް ކަމަށާއި ކުރިއަށް އޮތް ރަސްގެފާނުގެ ތަގުރީރުގައި މި އެއްބަސްވުމުގެ ވާހަކަ ހިމެނުމަކީ ނާދިރު ކަމެއް ކަމަށް އި ގިރޭސިވިލާތުގެ ކަމާބެހޭ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
އިނގިރޭސިވިލާތު ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ އެ ޤައުމުން މިކަމައިގެން ކުރިއަށްދާނީ އެމެރިކާގެ ތާއީދު ލިބިގެން ކަމަށެވެ. އަދި ޑިއޭގޯ ގާސިއާއަކީ އިނގިރޭސިވިލާތާއި އެމެރިކާއަށް ވެސް އަސްކަރީ ގޮތުން ވަރަށް މުހިންމު ތަނެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ރައީސް ވަނީ މި އެއްބަސްވުމަށް ފާޑުވިދާޅުވެ، މިއީ ބަލިކަށި އަމަލެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި ޑިއޭގޯ ގާސިއާ ދޫކޮށްނުލުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރު ސްޓާމާއަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ. މި މުއާހަދާ ތަންފީޒު ކުރުމަށް ވޮޝިންޓަނުން ބޭނުންވާ ރަސްމީ ލިޔެކިޔުންތައް އިނގިރޭސިވިލާތަށް އަދި ލިބިފައެއް ނުވެއެވެ.
މި ނިންމުމާ ގުޅިގެން ސިޔާސީ މަސްރަހުން ތަފާތު ހިޔާލުތައް ވަނީ ފެންމަތިވެފަ އެވެ. ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑެނޮކް މި ނިންމުމަށް މަރުހަބާ ވިދާޅުވަމުން ވިދާޅުވީ، މި އެއްބަސްވުމަކީ މިހާރު ”ތާރީހުގެ ކުނިގަނޑަށް“ އުކާލެވިފައިވާ އެއްޗެއް ކަމަށެވެ. ރިފޯމް ޔޫކޭގެ ލީޑަރު ނައިޖެލް ފަރާޖް ވިދާޅުވީ މިއީ ވަރަށް އުފާވެރި އަދި މާ ކުރިން ވެސް ވާންޖެހޭ ކަމެއް ކަމަށެވެ.




