އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި ތާރުއަޅައިގެން އަލުން ތަރައްޤީކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެމަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޚާއްސަކޮށް އަމީނީ މަގުގެ ހުޅަނގަށްވީ ބައިގެ މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނަޒީމް ވިދާޅުވީ ޣިޔާސުއްދީން ސްކޫލުން ފެށިގެން ހުޅަނގަށް އޮތް ބައި ވަރަށްބޮޑަށް މަރާމާތު ކުރަންޖެހިފައިވާ ކަމަށެވެ. އެހެންކަމުން މަގުގެ މަރާމާތުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އިމާރާތް ކުރުމާ ބެހޭ ވުޒާރާއާ މަޝްވަރާކޮށްފައިވާކަމަށެވެ. އަދި ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށް ނަޒީމް ވިދާޅުވިއެވެ.
”މިހާރު އެތަނުގައި އޮތް ތާރުގަނޑު ނަގާފައި އަލުން އެތަނުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ. ދެން އެއީ މާލޭގައި އަޅުގަނޑުމެން ކުރިއަށްގެންދާނެ އެންމެ ބޮޑު މަސައްކަތެއް.“ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ ނަޒީމް ވިދާޅުވިއެވެ.



