ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންހާބު ނިމިފައި ވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމުގައި މަޑުޖެހުމެއް ނާންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު، އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ނިމިގެންދިޔަ ކައުންސިލު އިންތިހާބުގެ ކެމްޕެއިނު ތެރޭގައި އިދިކޮޅު ފަރާތްތަކުން އެންމެ ގަދަޔަށް ދައްކަމުންދިޔަ އެއް ވާހަކައަކީ، އިންތިހާބު ނިމުމާއެކު ރައީސް ރައްޔިތުންގެ ގާތަށް ޒިޔާރަތް ނުކުރާނެ ކަމަށާއި ރައްޔިތުންނަށް ވީ އެއްވެސް ވައުދެއް ވެސް ދެން އެމަނިކުފާނު ނުފުއްދަވާނެ ވާހަކައެވެ. އަދި ސަރުކާރުން ތަރައްގީއަށް ކުރާ މަސައްކަތްތަކަކީ ވޯޓު ބޯމަތިވެފައިވާތީ ކުރަމުން ގެންދާ މަސައްކަތެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.
ނަމަވެސް ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު އިއްޔެ ވަނީ ފަށާފައެވެ.
މިކަމާ ގުޅިގެން މެންބަރު ޝުޖާއު ވިދާޅުވީ، ވޯޓު ނިމުނު ނަމަވެސް ރައީސް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވެސް ވައުދުފުޅަކަށް ކުޑަވެސް މަޑުޖެހުމެއް ނާންނަ ކަމަށެވެ.
”ދިވެހީން ދެކެމުން މިދަނީ އުފާފާގަތި ދުވަސްތަކެއް. އެމްޑީޕީ ސަރުކާރުން ނެގި ބޮޑު ލޯނު ހަލާސް ކުރުމާއެކު ދިވެހީން ދެން ދެކޭނީ މާއުޖާލާ ދުވަސްތަކެއް،“ ބާރަށު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 11 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
މިވަރުގެ ސަރަޙައްދެއް ހިއްކުމަށް ގާތްގަނޑަކަށް 396،000 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސްގެ ޕޯސްޓުގައި ކުރިން ވިދާޅުވިއެވެ.




