”ޕޮއެޓްރީ ތެރަޕީ“ އަށް ދިވެހިބަހުން ކިޔާނެ ނަމެއް ކަނޑައަޅައި، އެ ނަން ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީން ފާސްކޮށްފި އެވެ.
ބަސްކޮމިޓީން ނިންމާފައި ވަނީ ”ޕޮއެޓްރީ ތެރަޕީ“ ގެ ދިވެހި ނަމަކީ ”ޅެންފަރުވާ“ ކަމަށެވެ. މި ނަން މިހާރު ވަނީ ބަސްފޮތުގެ އޮންލައިން އިސްދާރުގައި ވެސް ހިމަނާފަ އެވެ.
ދިވެހިބަހުގައި އެ ނަމުގެ މާނައަކީ، ބަލި މީހާގެ އިޙްސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއްގެ ގޮތުގައި ކަމަށެވެ.
”މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރަތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެއް“ ބަސްކޮމިޓީގެ ނިންމުމުގައި ވެއެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ، ޅެންފަރުވާގެ ޢިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު މިކަމާއި ގުޅޭ އަންނަ ބުދަ ދުވަހު ފަހުމުނާމާއެއްގައި ސޮއިކުރާނެކަމަށެވެ. އަދި، މި ފަހުމުނާމާގެ ދަށުން ޅެންފަރުވާއާ ބެހޭ ޢިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫތަކުގެ މައްޗަށް ދިރާސާތައް ކުރެވިގެންދާނެކަމަށެވެ. މީގެ އިތުރަށް، ދިވެހިބަސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ތަފާތު އެހެނިހެން ދިރާސާތައް ކުރުން ވެސް މި ފަހުމުނާމާގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެކު ކުރަން ނިންމާފައިވާ ކަމަށް އެވުޒާރާއިން ބުންޏެވެ.
ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ޙާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރައްވާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އބްރާހީމް އިޢުލާނު ކުރައްވާފައި ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ގދ.ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.




