މި މަހުގެ 4ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ނަތީޖާ އެއްވަރުވީ ފަސް ދާއިރާއެއްގައި ކަމަށާއި އެ އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމާކޮށްފިއެވެ.
އީސީން މިއަދު ވަނީ މި އިންތިހާބުގެ ދެވަނަ ބުރު ބާއްވާ ދާއިރާތައް ވެސް އާންމުކޮށްފައެވެ.
އީސީން ކުރި އިއުލާނެއްގައި ބުނީ ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ އެ އިންތިހާބުގެ ދެވަނަ ބުރު ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.
ވޯޓުގެ އިތުރު ބުރެއް ބާއްވާ ދާއިރާތައް:
° ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި – އެ ދާއިރާއަށް ވާދަކުރާނީ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު މުނާ އާއި އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ރަފާހް.
° ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި) – އެ އިންތިހާބުގައި ވާދަކުރާނީ ޕީއެންސީގެ އާއިޝަތު އަބްދުލްގާދިރާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު ޝީޒާ އިބްރާހީމް.
° ހއ. ކެލާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް ވާދަކުރާނީ އެމްޑީޕީގެ މަހުދިއްޔާ އާދަމާއި ޕީއެންސީގެ ހައްވާ ފަޒުނާ.
° ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ވާދަކުރާނީ ޕީއެންސީގެ ފާތިމަތު ރިއުޒާ އާއި އަމިއްލަ ގޮތުން ވާދަކުރާ ފާތިމަތު ނިޝާދާ.
° ލ. މާވަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު – އެ ދާއިރާއިން ވާދަކުރާނީ ޕީއެންސީގެ ފާތިމަތު ޝާފިޔާ އާއި އެމްޑީޕީގެ މަރްޔަމް މާއިޝާ.
އީސީން ބުނީ އެ އިންތިހާބުގެ ވޯޓުލުން ބާއްވާނީީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 4:00 އަށް ކަމަށެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ އާދިއްތަ ދުވަހު އެވެ.
އިސީން ބުނި ގޮތުގައި ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ އިތުރު ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގެ ގޮތުގައި ބަލާނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި އިތުރު ބުރު ބާއްވާ ދާއިރާތަކުގެ ފައިނަލް ލިސްޓުގައިވާ މީހުންނާއި 18 އަހަރު ފުރުމުން ލިސްޓަށް އަލަށް އިތުރުވާ މީހުން އެކަނި ކަމަށެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު 1414 އިން ލިބޭނެއެވެ.



