ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. އެ މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން 2024 ވަނަަ އަހަރުގެ އޮކްޓޯބަރު މަހު ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ދައްކާފައިނުވާ މައްސަލައެއްގައެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އެ ބެންޗުގެ ރިޔާސަތު ބެެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ ލޯނުގެ ފައިސާ، ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވާއިރު، ހުކުމުގައި ބުނެފައިވާ ގޮތުގެ މަތިން ސިނާންގެ ފަރާތުން ފައިސާ ދައްކާފައިނުވާ ކަމަށެވެ. އަދި އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ފަރާތުން ބުނި ކަމުގައި ވިޔަސް، އެކަން އޭނާއަށް ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ އެ ހުކުމް އިސްތިއުނާފް ކުރަން ނުވަތަ ބާތިލްކުރަން ސިނާންގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެ ހުކުމަކީ ޣައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށް ސިނާންގެ ފަރާތުން ބުނެފައި ވިޔަސް، އެ ބުނުމަށް ބުރަދަނެއް ނުދެވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މީގެ އިތުރުން، ލޯނުގެ ފައިސާ ހޯދަން އިސްލާމިކް ބޭންކުން ސ. ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލާގައި ސިނާންގެ ފަރާތުން ވަކީލަކު އައްޔަން ކޮށްފައި ވަނިކޮށް އެ މައްސަލައިގެ ދިފާއު ހުށަހެޅުމުގެ މުއްދަތު ހަމަވިފަހުން ސިނާންގެ ވަކީލް އެ މައްސަލައިން ތަނާޒުލްވެފައިވާކަން ވެސް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
އެ ލޯނަކީ ރަހުނު ހިމެނޭ ލޯނަކަށް ވާތީ، ރަހުނު ވިއްކާލައިގެން ފައިސާ ހޯދެން އޮތުމުން އެފަދަ ހުކުމެއްގެ ދަށުން ގޮނޑި ނުގެއްލޭނެ ކަމަށް ސިނާންގެ ފަރާތުން ބުނެފައި ވިޔަސް، ފަނޑިޔާރު ޝުޖޫން ވިދާޅުވީ ގޮނޑި ގެއްލުމުގައި ރަހުނު ހިމެނޭތޯ ނުވަތަ ނޫންތޯ ބަލަން ނުޖެހޭނެ ކަމަށެވެ.
އެކަންކަން ފާހަގަ ކުރައްވައި، ފަސް ފަނޑިޔާރުން އިއްތިފާގުން ހުކުމް ކުރައްވަމުން ފަނޑިޔާރު ޝުޖޫން ވިދާޅުވީ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކިކަން ސާބިތުވާތީ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމް ކުރެއްވީ ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. އަދި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.




