މަސްތުވާތަކެތީގެ މައްސަލައެއްގައި ސަސްޕެންޑުކުރުމަށް ފަހު މީގެ 17 އަހަރު ކުރިން ވަޒީފާއިން ވަކިކުރި ސިފައިންގެ މީހެއްގެ ވަޒީފާ އިއާދަކޮށްދީ، ގެއްލުނު ޕްރޮމޯޝަންތައް ހިމެނޭހެން އެ މުއްދަތަށްވާ މުސާރަ އާއި އެލަވަންސްތައް ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށާއި ސައްހަ ނޫން ފައިސާ ގެންގުޅޭކަމުގެ ތުހުމަތުގައި އެމްއެންޑީއެފްގެ ލާންސް ކޯޕަރަލްގެ މަގާމުގައި ވަޒީފާ އަދާކުރަމުންދިޔަ މުހައްމަދު އިސްމާއިލް ހައްޔަރުކުރީ 9 އެޕްރީލް 2007ގަ އެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލާއިރު، މި މައްސަލާގައި މުހައްމަދު އިސްމާއިލް ވަޒީފާއިން ސަސްޕެންޑުކޮށްފައިވަނީ 9 އެޕްރީލް 2007ގަ އެވެ.
ވަޒީފާއިން ސަސްޕެންޑުކުރި ސަބަބަކަށް ޑިފެންސް މިނިސްޓްރީން ކޯޓުގައި ބުނެފައިވަނީ، އެ މައްސަލައިގެ ބަންދުން 22 ޖޫން 2007ގައި އޭނާ ދޫކޮށްލާފައިވާއިރު، ހުއްދަ ހޯދުމަކާ ނުލައި ވަކި ސަބަބެއް ބަޔާންކުރުމެއް ވެސް ނެތި ދެ މަސްދުވަހު ވަޒީފާއަށް ނުނިކުމެ ހުރުމުންނާއި ތުހުމަތުކުރެވޭ މައްސަލަ ޝަރީއަތަށް ހުށަހަޅަން ނިންމާފައިވާތީ ކަމަށެވެ. އެއަށް ފަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ 10 މާޗު 2009ގަ އެވެ.
އެކަމަކު، މުހައްމަދު އިސްމާއިލް ބުނަނީ އޭނާއަށް އެ ނޯޓިސް ލިބިފައިވަނީ 2016 ވަނަ އަހަރު އެތައް ފަހަރަކު އެދިގެން ކަމަށެވެ.
މި މައްސަލާގައި ސިވިލް ކޯޓުން 2016 ވަނަ އަހަރު ނިންމާފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށާއި ވަޒީފާ އިއާދަކޮށްދޭން ނުޖެހޭ ކަމަށެވެ. ވަޒީފާ އިއާދަކޮށްދިނުމަށް ސިވިލް ކޯޓުން މިފަހަރު އަމުރުކުރީ، ސިވިލް ކޯޓުގެ ކުރީގެ ނިންމުން އޭނާ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ އަލުން ބަލައި ގޮތެއް ނިންމުމަށް ހައި ކޯޓުން އަންގާފައިވާތީ އެވެ.



