ސަރުކާރުގެ ކުންފުނިތަކަށްވެސް ހަރަދު ކުޑަ ކުރުމަށް އަންގާފައިވާނެ ކަމަަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާ ކުރިމަތިވާ ކަންކަން ހައްލުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަށްވެސް ހަރަދު ކުޑަ ކުރުމަށް އަންގާފައިވާނެ ކަމަށެވެ.
އެގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރު ފިޔަވާ ނުކުރުމާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ފަންޑެޑް ދަތުރުތައް އެކަނި ކުރުމަށް ރައީސްގެ ލަފަޔާއެކު މިހާރު އަމަލު ކުރަން ފަށާފައިވާނެ ކަމަށެވެ.
”ހުރިހާ ކުންފުނިތަކަކަށް ވެސް މިހާރު ހަރަދު ކުޑަކުރުމަށް ވާނީ އަންގާފަ. ހަމައެއާއެކު ސަރުކާރުގެ ވެސް ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ފިޔަވާ ނުކޮށް އަޅުގަނޑުމެން މި ކުރިއަށްގެންދަނީ“ ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބައެއް އިދާރާތަކުން އަންނަނީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެތެރޭގައި، ހަފްތާއަކު އެއް ދުވަހު ގޭގައި ތިބެގެން މުވައްޒަފުން މަސައްކަތް ކުރާ ގޮތަށް ހެދުމާއި މަސައްކަތުގެ ވަގުތު ކުޑަކުރުން ވެސް ހިމެނެއެވެ.




